ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން މަގުސަދު ހާސިލް ނުވާތީ، އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާޢު ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އިސްލާހުގެ ޑްރާފްޓް ނިމިފައިވާ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން ގޭންގަކީ ކޮބައިކަމާއި، ގޭންގެއްގެ މާނަ ފަސޭހައިން ދޭހަކުރެވުމާއި، އެ މާނައަށް ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ފުލުހުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން އަވަހަށް ފާސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގާނޫނެކެވެ. އެ ގާނޫނަކީ ބޭނުންކުރެވޭ ގޮތަށް އޮތް ގާނޫނެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ވަނީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވެފައިވަނީ އެ ގާނޫނުގެ ދަށުން އަދި ރާއްޖޭގައި ކޮށްފައި އޮތީ އެންމެ ދައުވާއެއް ކަމަށެވެ. އެ ގާނޫނަކީ ކުރީ ޒަމާނުގައި ލިޔެފައި އޮތް ގާނޫނެއް ކަމުން އެ ގާނޫނު އޮތީ މާ ފަހި ގޮތަކަށް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ގާނޫނުގައި އެއްޗެއް ލިޔާއިރުގައި އަމަލީ ގޮތުން އެކަން ކުރާނެ ގޮތެއްވެސް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވެފައިވަނީ އަވަހަށް ޝަރީއަތްތައް ނިމުން ވެސް މުހިންމު ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މައްސަލަތައް ނުނިމި ލަސްވުމުން މައްސަލަތައް ސާބިތުވާ މިންވަރު މަދު ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ކޯޓުތަކަށް ދަތިތަކެއް ހުރިކަން ވެސް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް