އިޒްރޭލު ސިފައިންގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

އިޒްރޭލު ސިފައިންގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ. ސަރުކާރުން މިފަދައިން ގޮވާލާފައި މިވަނީ އިޒްރޭލުން ގ...

12 Feb 2024 | 12:06

އިޒްރޭލު ސިފައިންގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.

ސަރުކާރުން މިފަދައިން ގޮވާލާފައި މިވަނީ އިޒްރޭލުން ގާޒާގެ ރަފާހު ސިޓީއަށް އަރައިގަންނަން އުޅޭ ކަމަށް އިންޒާރުދީފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހިރާއްޖެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރަފާހު ސިޓީއަކީ ގާޒާގައި އިޒްރޭލު ސިފައިން ހިންގަމުންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ އެތައް މިލިއަން ބައެއްގެ އެންމެ ފަހުގެ ހިޔާވަހިކަން ކަމަށެވެ. އެތަނަށް ޙަމަލާއެއް ދޭން ފަށާނެކަމުގެ އިންޒާރު އިޒްރޭލު ސަރުކާރުން ދިނުމަކީ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލު ސިފައިންގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސްގެ 26 ޖެނުއަރީ 2024 ގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް ތަބާވުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރުކޮށް، އެއްވެސް ޖަރީމާއެއް ހިންގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްޠީނު މީހުންގެ ގެދޮރު ގެއްލުވާލައި، އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ޙަމަލާތަކާއި، އިޒްރޭލުގެ ބާރުތަކުން އިންސާނީ އެހީއަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކާ އެއްގޮތް ކަމެއް ކަމަށެވެ.

މީގެ އިތުރުން، ފަލަސްޠީނަށް އިންސާނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރާއި ރައްޔިތުން ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް