މޭ މަހު ފަށާ ދިރާސީ އައު އަހަރާއެކު ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީޢު، ޤައުމިއްޔަތު މާއްދާ ލ.އަތޮޅުގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާމެދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ޒުލެއިޚާ ކުރެއްވި ސުވާލުގައި ވަނީ މިހާރު ކުރިއަށްގެންދާ ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޤައުމިއްޔަތު މާއްދާ ލ.އަތޮޅުގެ އެއްވެސް ސްކޫލެއްގައި އަދި ކިޔަވައި ނުދެއްވާ ކަމަށާއި، ލ.އަތޮޅުގެ ސްކޫލްތަކަށް އެ ފުރުސަތު ލިބިގެން ދާނީ ކޮން އިރަކުތޯ އައްސަވާފައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން 11 ސްކޫލެއް ޚިޔާރުކުރައްވައިގެން މިހާރު ކުރިއަށްދަނީ ޕައިލެޓް ޕްރޮޖެކްޓް ފޭސްގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމުން ދެން ފެށޭ ދިރާސީ އަހަރު ހުރިހާ ސްކޫލެއްގައިވެސް ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން، ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ކިޔަވައިދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ޖަނަވަރީ މަހުއެވެ.
ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވީ ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ މަގުސަދަކީ ގައުމާއި މެދު ތުއްތު ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް