ރައީސާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް ވަނީ މަޖިލީހުގެ ގަވައިދު އެފަދައިން އިސްލާހު ކުރުމަށާއި، މިހާރު އަމަލުކުރަމުން އަންނަނީ ވަރަށް ކުރީގެ ގާނޫނަކަށް ކަމަށް ބުނެ، އެ ގާނޫނު އުވާލުމަށް ވެސް ހުށަހަޅުއްވާފައެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަކީ 2005 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނެކެވެ. ސަލީމް ވިދާޅުވީ އެ ގާނޫނަކީ މިހާރު ބޭނުން ނުހިފޭ އަދ މަޖިލީހަށް ލިބިގެންވާ ބާރުތައް ހަނިވާ ގޮތަށް އޮތް ގާނޫނެއް ކަމަށެވެ. އެގޮތުން އެ ގާނޫނު އުވާލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ސަލީމް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. އެ ބިލުގެ ފުރަތަމަ ކިއުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އިއްވާފައިވާއިރު، އިބްތިދާއީ ބަހުސް ފަށާފައިވަނީ މިއަދުއެވެ.
އެ ބިލާ ގުޅޭ ގޮތުން ސަލީމް ވިދާޅުވީ ގާނޫނު އަސާސީން މިނިސްޓަރުންނަށް ސުވާލުކުރުމުގެ ހައްގު ވަރަށް ފުޅާކޮށްދީފައިވާ ކަމަށާއި ގާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަ އިރު، ގާނޫނެއް އެކަމުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ސަލީމް ވިދާޅުވީ ގާނޫނު އަސާސީން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާއި ސުވާލުކުރުން ބަޔާންކޮށްފައި އޮތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.
ސަލީމް ވިދާޅުވީ މަޖިލިސް އެކުލެވިގެން ވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން ކަމަށާއި، އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސް އާއި ނައިބު ރައީސްކަމުން، އެ ދެ ބޭފުޅުންވެސް ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ސަރުކާރު މުވައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭނެގޮތުގެ އިޖުރާއަތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެހެން ބޮޑެތި ގައުމުތަކުގައި ވެސް ރައީސް އަދި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށްގެން ޖަވާބުދާރީ ކުރުވުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހާޒިރުކުރެވޭ ކަމަށެވެ. އެގޮތުން ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނު އުވާލައި، ގާނޫނު އަސާސީން ލިބިދޭ ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ބާބުގެ ކަމާބެހޭ މާއްދާތަކަށް ގެންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީ އިން މިފަހުން ވަނީ ވަޒީރުންނާއި ސުވާލުކުރުމާ ގުޅޭ މާއްދާތައް މަޖިލީހުގެ ގަވާއިދުން އިސްލާހުކޮށްފައެވެ. އަދި އެ ގަވައިދުގައި ވަކި މައުޟޫއަކަށް ސުވާލުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލުމާއި، ޖަވާބުދާރީ ވުމަށް ވަޒީރުންނަށް ލިބޭ މުއްދަތުވެސް ކުރު ކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް