ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަ...

12 Feb 2023 | 08:26

މި އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން މި ފުރުސަތު ހުޅުވާލާފައި ވަނީ 16 ފެބުރުވަރީ 2023ގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި މާލެ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ދިރިއުޅޭ ފަރާތްތަކަށް 22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި މުއްދަތުގައި ފޯމު ހުށަހެޅި ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު މިހާރު ވާނީ މެސެޖް ކުރެވިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.

އެހެންކަމުން ދަފްތަރުގައި ހިމެނިފައި ނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފަރާތްތަކުން ސަބްޖެކްޓްގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި، އައިޑީކާޑު ނަންބަރު އަދި ފޯމު ނަންބަރު ހިމަނަން ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި 16 ފެބްރުއަރީގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައި ނުގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް 212 ފަރާތަކުން ފޯމު ހުށަހަޅާފައި ވާއިރު ފަޤީރުންނާއި މިސްކީނުންގެ ފައިނަލް ލިސްޓު ކަށަވަރު ކުރާނީ ޝަކުވާ ހުށަހަޅަން ދެވިފައިވާ މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް