އެކަނިވެރިކަން: ނަފްސާނީ ގޮތުން ގެއްލުން ބޮޑު

ގިނަ ދިރާސާވެރިން އެއްބަސްވާ ގޮތުގައި އެކަނިވެރިކަމަކީ އިންސާނުންގެ އާންމު ތަޖުރިބާއެއް ނަމަވެސް، އެއީ އަހަރެމެންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އަސަރުކުރާ ނޭދެވޭ ގެއްލުން ހުރި ޖަޒުބާތެކެވެ. އެގޮ...

12 Feb 2023 | 06:18

ގިނަ ދިރާސާވެރިން އެއްބަސްވާ ގޮތުގައި އެކަނިވެރިކަމަކީ އިންސާނުންގެ އާންމު ތަޖުރިބާއެއް ނަމަވެސް، އެއީ އަހަރެމެންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އަސަރުކުރާ ނޭދެވޭ ގެއްލުން ހުރި ޖަޒުބާތެކެވެ.

އެގޮތުން ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެކަނިވެރިކަން އިޙްސާސް ކުރުމަކީ އަހަރެމެންގެ ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް އަސަރުކޮށް، ނިދި މަދުވެ، ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރުގެ އިތުރުން ޑިމެންޝިއާގެ ނުރައްކާ ކުރިމަތިވާ ކަމެކެވެ.

އެހެންކަމުން އެކަނިވެރިކަމުން ކުރިމަތިވެދާނެ އަސަރުތަކަށް ހޭލުންތެރި ވުމަކީ އެކަން ހައްލުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.

އެކަނިވެރިކަން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް ކަމަށް ވެފައި ވަނީ އެމީހެއްގެ އިޖުތިމާއީ ގުޅުންތައް ހީނަރުވުމާއި ވަށައިގެން މީހުން ތިބި ނަމަވެސް، އެމީހުންގެ ފަރާތުން އަޅާލުން ނުލިބޭ ކަމަށް އިޙްސާސް ކުރެވުމެވެ.

އެކަނިވެރިކަމުގެ އިޙްސާސުން އަރައިގަތުމަށް އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ޙާލަތު ރަނގަޅަށް އެނގުން މުހިންމެވެ.

އެކަނިވެރިކަމުގެ ގެއްލުންތަކާ ބެހޭ ގިނަ ދިރާސާ ތަކަށް ބިނާކޮށް 2016 ވަނަ އަހަރުން ފެށިގެން އެކަނިވެރިކަން ނައްތާލުމަށް އިނގިރޭސިވިލާތުގައި ފަށާފައިވާ ކެމްޕޭނެއްގައި ރައްޓެހިންނާއި އާއިލާއާއި ވާހަކަ ދައްކައި އަދި އިޖުތިމާއީ ހަރަކާތްތައް އިންތިޒާމްކުރާ ޖަމިއްޔާތަކާއި ގުޅުން ބަދަހި ކުރަން ލަފާދީފައި ވެއެވެ.

މިގޮތުން ވޮލަންޓިއަރ މަސައްކަތަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށް ވެސް އިޝާރާތް ކޮށްފައި ވެއެވެ.

ހާއްސަކޮށް އެއީ ލިބޭ އަގާއި ފައިދާގެ އިޙްސާސް މީހުންނަށް ލިބޭ ކަމެއް ކަމަށް ބްރިޓިޝް ގާޑިއަން ނޫހުން ޝާއިއު ކުރި ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި ތިމާ އެންމެ ގަޔާވާ ކަންކަމާއި ޝައުގުވެރިވާ ކަންކަމުގައި ވަގުތު ހޭދަކުރުން އެއީ އެކަނިވެރިކަމުގެ އިޙްސާސުން އަރައިގަތުމަށް ކުރެވިދާނެ ކަމެއް ކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސޯޝަލް ނެޓްވޯކިން ސައިޓްތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ވެސް ލަފާދީފައި ވާއިރު، އެކަމުގެ ސަބަބުން އެކަނިވެރިކަމުގެ އިޙްސާސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އެމެރިކާގެ (މެޑިކަލް ނިއުސް ޓުޑޭ) ވެބްސައިޓުން ބުނެފައި ވެއެވެ.

އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ވިސްނާ ގޮތް ބަދަލުކުރުމަކީ އެކަނިވެރިކަމާއި ކުރިމަތިލުމަށް އަސާސީ ގޮތެއް ކަމުގައި ބުނެފައި ވެއެވެ.

އަދި މިއީ ނެގެޓިވް ވިސްނުން ނުވަތަ އޯވާ ތިންކިން ހުއްޓާލައި، ޕޮޒިޓިވް ކަންކަމަށް ފޯކަސް ކުރުމަށް އަސާސީ ސިފައެއް ކަމުގައި ހާމަކޮށްފައި ވެއެވެ.

ހަމައެހެންމެ މާ ބޮޑަށް އެކަހެރިވުމަކީ އެކަނިވެރިކަން ކުރިމަތިވާ ކަމެއް ކަމާމެދު ޝައްކެއް ނެތް ކަމެއް ނަމަވެސް، އިޖުތިމާއީ ހަރަކާތްތަކާއި އެއްވަރަށް އަމިއްލައަށް ވަގުތު ހޭދަކުރަން ވެސް ދަސްކުރަން ޖެހެ އެވެ.

މިގޮތުން އެކަނި ހޭދަ ކުރާ ވަގުތުތަކުގައި ލިބޭ އުފަލުގެ އަގުވަޒަން ކުރަމުން ތިމާގެ ޝައުގުވެރިކަން ހުންނަ ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހޭނެ އެވެ.

ތިމާގެ އުފާވެރިކަން އެހެން މީހުންނާއި ނުގުޅުވާށެވެ. ސަބަބަކީ އުފާވެރިކަން ބިނާވެފައި ވަނީ އަހަރެމެންގެ އަމިއްލަ ނަފްސުގެ މައްޗަށް ކަމަށް ވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް