މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ތުރުކީ އާއި ސޫރިޔާއިން މަރުވި މީހުންގެ އަދަދު 29 ހާހުން މައްޗަށް ގޮސްފިއެވެ.
މިއަދުގެ އަދާހަމަތަކަށް ބަލައިލާއިރު މިހާތަނަށް ތުރުކީން މަރުވި އަދަދު 24،600 އިން މައްޗަށް ގޮސްފައިވާއިރު ސޫރިޔާއިން މަރުވި އަދަދު އުޅެނީ 4،500 އިން މަތީގައެވެ.
ހޯމަ ދުވަހުގެ ފަތިހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ތުރުކީއާއި ސޫރިޔާގެ ބައެއް ސަރަހައްދުތަކުގެ ގިނަ އިމާރާތްތައް ވަނީ ބިމާއި ހަމަވެފައެވެ. އެ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިތާ މިއަދަށް 135 ގަޑިއިރު ފުރޭއިރު ސަލާމަތުން ބަޔަކު ސަލާމަތް ކުރެވޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އަދިވެސް އެބަ އޮތް ކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން މިއަދުވެސް މިހާތަނަށް ކުޑަކުއްޖަކާއި ދެމަފިރިއެއްގެ އިތުރުން އަންހެނަކާއި ފިރިހެނަކު އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވިފައިވާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ގެންދަނީ ކުރިއަށެވެ.
މި ހާދިސާގެ ސަބަބުން ތުރުކީ އާއި ސޫރިޔާގެ އާއްމު ހާލަތު ގޯސްވެފައިވާއިރު ދެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް