ގެއްލުނުތާ ހަފްތާއެއް: އާސިރު ހޯދުމުގެ މަސައްކަތް ކުރިއަށް

މާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އަދި ފެނިފައިނުވާކަމުގައި ފުލުހުން ބުނެފިއެވެ. މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އާސިރު ހޯދުމުގެ މަސައްކަތް ކު...

12 Feb 2023 | 03:38

މާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އަދި ފެނިފައިނުވާކަމުގައި ފުލުހުން ބުނެފިއެވެ.

މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އާސިރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް މިވަގުތަށް ނެތް ކަމަށެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ބުނެފައިވަނީ ވީނުވީއެއް ނޭނގި އާސިރު ގެއްލިފައިވާކަމުގެ ރިޕޯޓް މި މަހުގެ ފަސްވަނަ ދުވަހު ކޮށްފައިވާކަމަށެވެ.

"އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރު ކަމާއި އޭރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ސ. މަރަދޫފޭދުއަށް ނިސްބަތްވާ، އެ ރަށު ގަސްކަރަ، އުމުރުން 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއީލެވެ.

އާސިރު ގެއްލުމާއި ގުޅޭގޮތުން އޭނާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެ ރޭ އާސިރު ގެއިން ނިކުތީ ހުޅުމާލޭގައި އޭނާ މަސައްކަތްކުރާ ފިހާރައަށް ދިއުމަށް ކަމަށެވެ.

ހަޔާތުގައި ކުރިން ދިމާވެފައިވާ ކަމެއްގެ ސަބަބުން އާސިރަކީ ސިކުނޑީގެ ކަމަކަށް ފަރުވާކުރާ ފަރާތެއް ކަމުގައި އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ކަމެއް އާއިލާއިން ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު ހާލަތު ރަނގަޅުކަން ފާހަގަކުރެވޭކަމަށާއި އޭނާގެ ފަރާތުން މިހާރު އާދަޔާ ހިލާފު ކަމެއް ފާހަގަ ނުވާކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް