ރެއާލުން ފަސްވަނަ ފަހަރަށް ކުލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފި

މޮރޮކޯގައި ކުރިޔަށް ދިޔަ ފީފާ ކުލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ. މި މުބާރާތުގެ ތަށި ރެއާލުން އުފުލާލީ ސައުދީ އަރަބިއްޔާގެ އަ...

11 Feb 2023 | 21:55

މޮރޮކޯގައި ކުރިޔަށް ދިޔަ ފީފާ ކުލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.

މި މުބާރާތުގެ ތަށި ރެއާލުން އުފުލާލީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗު 3-5 އިން ކާމިޔާބުކޮށްގެންނެވެ.

މިއީ ރެއާލުން މި މުބާރާތުގެ ތަށި އުފުލާލި ފަސްވަނަ ފަހަރެވެ.

ރޭގެ މެޗު ފެށިގެން ރަނގަޅަށް ކުޅުނު ރެއާލުން މެޗުގެ ލީޑު ނެގީ 13 ވަނަ މިނެޓުގައެވެ. ކަރީމް ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ ވިނީސިއަސް ޖޫނިއަރ އެވެ. އޭގެ ފަސް މިނެޓު ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ރެއާލުން މެޗުގެ ލީޑު ފުލާކުރިއިރު، އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ފެޑްރިކޯ ވަލްވަރްޑޭއެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އަލް ހިލާލްގެ މޫސާ މަރޭގާ ވަނީ ލަނޑެއް ޖަހައިދީ އަލް ހިލާލް އަށް އުންމީދެއް ހޯދައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ކުޅެން އަރާ މެޗުގެ 54 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ރެއާލުގެ ތިންވަނަ ލަނޑު ޖަހައިދީ ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައެވެ. އޭނާ މި ލަނޑު ޖެހީ ވިނީސިއަސް ޖޫނިއަރ ދިން ބޯޅައަކުންނެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ވަލްވަރުޑޭ ވަނީ ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީ އުންމީދު ބޮޑުކޮށްފައެވެ.

މެޗުގެ 63 ވަނަ މިނެޓުގައި އަލް ހިލާލް އިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު ޖަހައިދިނީ ލޫސިއާނޯ ވިއެއްޓޯއެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއަރ ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއިރު، އަލް ހިލާލްގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ލޫސިއާނޯ ވިއެއްޓޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް