ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ ހޭންޑަލުން ނެގި ޕޯލެއްގެ ނަތީޖާ ހިތްޕުޅާ ނުވާގޮތަކަށް ދިޔުމުން އެކައުންޓް ލޮކްކޮށް އަލުން ޕޯލަށް ހުޅުވާލައިފިއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ މި ހޭންޑަލަކީ ހަމަ ގައިމުވެސް ރައީސް ނަޝީދަށް ވަރަށް ތާއީދުކުރާ ހޭންޑަލެއް ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ.
ފަރުދާއެއްގެ ފުރަގަހުގައި ފޮރުވިގެން ހުރެ/ތިބެ އެ އެކައުންޓް ހިންގަނީ ކާކުކަން/ކޮންބައެއްކަން ނޭނގުނަސް އެ އެކައުންޓުން މުޅިންވެސް ގެންގުޅެނީ ރައީސް ނަޝީދުގެ އައިޑިއޮލޮޖީއެވެ.
ކޮންމެއަކަސް އެ އެކައުންޓުން އިއްޔެ ހަތަރުދަމު ކުރިއަށްދިޔައީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އެންޓި ކެމްޕޭނު ކުރުމެވެ. ފައްޔާޒް އިސްމާއިލްގެ ނާގާބިލުކަން ހާމަކޮށްދިނުމަށް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި 50ވަރަކަށް ޓްވީޓް ކޮށްފައިވެއެވެ.
އެއަށްފަހު ރޭގެ ވަގުތެއްގައި އެ އެކައުންޓުން ވަނީ ޕޯލެއް ހުޅުވާލައިފައެވެ. ސުވާލަކަށް އުފައްދާފައި އޮތީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެންމެ ކަމުދާނީ ކާކުތޯ؟ އެވެ.
އެ މަގާމަށް އެންމެ ރަނގަޅުވާނީ ފައްޔާޒް އިސްމާއިލްތޯ؟ އިމްތިޔާޒް ފަހުމީތޯ؟ ސުވާލު އުފައްދައި ދޫކޮށްލި ޕޯލުން ފެށުނީއްސުރެވެސް ބޮޑުތަނުން ކުރި ހޯއްދަވަމުން ގެންދެވީ ފައްޔާޒް އިސްމާއިލެވެ. އެގޮތުން ފަރަގު ބޮޑުވަމުންގޮސް ފައްޔާޒް އިސްމާއިލަށް 90އިންސައްތަ ލިބުނުތަނާހެން ހަސަން ކުރުސީ މިވަނީ އޭނާގެ ޓްވިޓާ އެކައުންޓް ލޮކް ކޮށްލާފައެވެ.
އެއަށްފަހު ބުނެފައިވަނީ އެ ވޯޓް އެވަނީ ބަޔަކު އޮޅުވާލާފައި ކަމަށެވެ. އަލުން ވޯޓެއް ނަގާނީ ކަމަށެވެ.
މިހާރު އަލުން ޕޯލްއެއް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މިފަހަރު އެ ޕޯލް ހުޅުވާލާފައިވަނީ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓް ފޮލޯކޮށްފައިވާ މީހުންނަށް އެކަންޏެވެ. އަލަށް އެ ޕޯލަށް މީހަކަށް ވޯޓު ލެވޭނީ ހަސަން ކުރުސީ ފޮލޯކޮށް އެ މީހެއްގެ ފޮލޯ ހަސަން ކުރުސީ އެކްސެޕްޓް ކުރުމުންނެވެ.
އާ ޕޯލެއް ހުޅުވައިލިއިރު ހުޅުވާލާފައިވަނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އެކުގައި ވޯޓުލެވޭނޭހެން ހުޅުވާލާފައެވެ. އެގޮތުން މިފަހަރުގެ ޕޯލްގެ އެއް އޮޕްޝަނަކީ ފައްޔާޒް އިސްމާއިލް އަދި ރޮޒެއިނާ އާދަމް އެވެ. ދެވަނަ އޮޕްޝަނަކީ އިމްތިޔާޒް ފަހުމީ އަދި ޝަފާތެވެ. މި ޕޯލްގެ މުއްދަތު މާދަމާ ރެއަށް ހަމަވާނެއެވެ.
އެކައުންޓް ލޮކް ކޮށް އާ ވޯޓެއް ހުޅުވާލާފައިވާއިރު ހަސަން ކުރުސީގެ އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދަކީ 2840 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް