މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ، 4.2 ބިލިއަނަށް އަރާފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ.
ނަމަވެސް އެ އަދަދު މިދިޔަ މަހު ވަނީ 4.2 ބިލިއަނަށް އަރާފައެވެ.
އިމްޕޯޓް އިތުރުވުމުގެ ސަބަބުން ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ %30 އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު 240 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 312 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޗައިނާ، އޮމާން، އިންޑިއާ އަދި ޔޫއޭއީ އިންނެވެ.
ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑް، އިނގެރޭސިވިލާތް އަދި މޮރިޝަސްއަށެވެ.
ޗައިނާއިން 831 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 572 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
އިންޑިއާއިން 514 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއިން އިން 480 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ ރާއްޖެ އެތެރެކޮށްފައެވެ.
އެންމެ ގިނައިން އެތެރެކުރި ބާވަތްތަކުގެ މުދަލުގެ ތެރޭގައި ހިމެނެނީ، މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް އެޕްލަޔަންސް، ކާބޯތަކެއްޗާއި، ގޭހާއި ތެލުގެ ބާވަތްތައް ހިމެނެއެވެ.
ތައިލޭންޑަށް 54 ޕަސެންޓް މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އިނގިރޭސިވިލާތަށް އެކްސްޕޯޓް ކޮށްފައި ވަނީ 10 ޕަސންޓް މުދަލެވެ.
އަދި މޮރިޝަސް އަށް ހަތް ޕަސެންޓްގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
އެންމެ ގިނައިން އެކްސްޕޯޓުކުރި ބާވަތްތަކުގެ މުދަލުގެ ތެރޭގައި ހިމެނެނީ، ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކާއި މަހުގެ އެކި އުފެއްދުންތަކާއި، ގަނޑުކުރި ކަނޑުމަހާއި ކަންނެލި އަދި ފިނިކުރި ކަނޑުމަހާއި ޕްރޮސެސްކޮށްފައި ހުރި މަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް