ވެރިކަން ކުރަން 30 އަހަރު ގޯސްވި މީހާއަށް ނަފްސާ ޖެހުނީމަ އެކަން ބަދަލުވެއްޖެ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެމްޑީޕީން އަބަދު ވެރިކަމުގައި އޮންނަން ބޭނުންވާނަމަ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވާން ބޭނުންވާ އިންސައްތަ 30 އިންސައްތައަށް ކުޑަކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 30 އަހަރުގެ ވެރިކަން ބަދަލުކުރަން އެބޭފުޅުން ގޮވާލަމުން ދިޔައީ ވެރިކަމަކީ ދިގުކޮށްކުރަން ހެޔޮވާވަރު އެއްޗެއް ނޫންކަމަށް ބުނެއެވެ.
ނަމަވެސް އެހެން ވިދާޅުވި ބޭފުޅުންނާ ވެރިކަންކުރަން ޖެހުމުން އެކަން ބަދަލުވެއްޖެކަމަށެވެ. އަދި މިހާރު އެ ބޭފުޅުން ބޭނުންވަނީ 30 އިންސައްތަ ނުލިބުނަސް 30 އަހަރަށްވެރިކަން ކުރައްވަންކަމަށް ޒައިދު ވިދާޅުވިއެވެ.
އަދި އޭރުވެސް މިހާރުވެސް އެބޭފުޅުން އިސް ކުރައްވަނީ އަމިއްލަ މަޞްލަހަތުކަމަށް ޒައިދު ވިދާޅުވިއެވެ.
މި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ، އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
https://twitter.com/alizaid1000/status/1492173953338834944?t=mxtx4FMpVx3XCmuoK_PZuw&s=09
މީގެ އިތުރުން މި އިސްލާހް ގެނައުމުގެ ބޭނުންފުޅަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް