ސައިންސާއި އިލްމުގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން ޝައުގުވެރިކަން އުފެއްދުމަށް ހިތްވަރުދޭން މަސައްކަތް ކުރަން ޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިކަމަށް ގޮވާލައްވާފައިވަނީ ސައިންސްގެ އިލްމުގެ ދާއިރާގައި މަސައްކަތްކުރާ ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެއަހަރެއްގެ ފެބްރުއަރީ 11 ދުވަހު ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް" ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
އެގޮތުން މި ދުވަސް ފާހަގަކުރުމަށް އދގެ އާއްމު މަޖިލީހުން ވަނީ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.މިއާއެކު ޝާހިދު ވަނީ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމަނިކުފާނު ކުރިއަށްގެންދާ ސިލްސިލާ ވީޑިއޯ ޕޮޑްކާސްޓް ސީރީޒްގެ ތެރެއިން، "ވިމެން އިން ސައިންސް ޑޭ"އާ ގުޅުވައިގެން ހާއްސަ ވީޑިއޯ ޕޮޑްކާސްޓެއް ގެނެސްދީފައެވެ. އެ ވީޑިއޯ ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް އަދި ނިއުރޯލޮޖިސްޓެއްކަމަށްވާ އުމުރުން 76 އަހަރުގެ ރޮބާޓޭ ބޮންޑާއެވެ.
ޝާހިދު ވިދާޅުވީ ވިމެން އިން ސައިންސްގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ބޭނުންފުޅުވަނީ މުޅި ފެބްރުއަރީމަހު ތެރޭގައި އެކަމަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރައްވަންކަމަށެވެ. އެގޮތުން ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކޮށް، އެ ދާއިރާއަށް ކަނބަލުން ނެރުމަށް އިތުރަށް ކުރަންވީ މަސައްކަތްތަކާއި ރަނގަޅުކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ ދަތިތަކާއެކުވެސް އެ ކަނބަލުން ސައިންސްގެ ދާއިރާއިން ކުރިއަށްދިޔައީ ދިމާވީ ދަތިތައް ހުރަސްކުރަމުންކަމަށެވެ. އަދި އަންހެނުންނަށް މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށެވެ. އަދި މިއީ މިއަދުވެސް އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން، ހާއްސަ ގޮތެއްގައި ޒުވާން އަންހެން ކުދިންނަށް އޮތް އެންމެ ބޮޑު ހުރަސްކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މަނިކުފާނުގެ އުއްމީދަކީ އަންހެނުންނާއި އަންހެން ކުދިން އެކި ދާއިރާތަކުން ކުރިއަށްދާން އޮތް ހުރަސްތައް ނައްތާލުންކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް