އެސްބީއައިއިން ލޯނު ނުދައްކައިގެން ވިއްކަން ޖެހި އެއްލައިދޫ މަނިކުގެ ތިން ރަށުގެ އަގު ދަށްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލޯނެއްނަގާ އެލޯނަށް ފައިސާ ނުދައްކައިގެން ވިއްކާލަން ޖެހި ތިން ރަށުގެ އަގު ކުޑަކޮށް އަލުން އިއުލާނުކޮށްފި އެވެ. އެސްބީއައިއިން ފައިސާ ދައްކަން ޖެހެނީ ގަސް...

12 Feb 2022 | 09:10

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލޯނެއްނަގާ އެލޯނަށް ފައިސާ ނުދައްކައިގެން ވިއްކާލަން ޖެހި ތިން ރަށުގެ އަގު ކުޑަކޮށް އަލުން އިއުލާނުކޮށްފި އެވެ.

އެސްބީއައިއިން ފައިސާ ދައްކަން ޖެހެނީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.

މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އަށް ސަރުކާރުން ދޫކޮށްފައިވާ އެ ތިން ރަށަކީ މ. ގަސްވެލި އާއި މ. ދެކުނުބޮޑުވެލި އަދި މ. ކުޑަ އުސްފުއްޓެވެ.

އެ ތިން ރަށުގައި ރިސޯޓެއް ތަރައްގީކުރަން އެއްލައިދޫ މަނިކާއި މއ. ސިސިލްފަރު, މުހައްމަދު ޔޫސުފް މޫސާ އާއި މ. މުލީގޭ, އިބްރާހިމް މުހައްމަދު މަނިކު ގެރެންޓީ ދީގެން ލޯނު ނެގީ އެސްބީއައިގެ މާލޭ ބްރާންޗާއި އެސްބީއައި މޮރިޝަސް ބްރާންޗުންނެވެ.

ނަމަވެސް އެ ލޯނުތަކަށް ފައިސާ ނުދައްކައިގެން އެ ތިން ރަށް ވިއްކާލުމުގެ ހުއްދަ މާޗް 28, 2018ގައި ސިވިލް ކޯޓުން ވަނީ އެސްބީއައިއަށް ދީފައެވެ.

ލޯނަށްވާ ފައިސާ ހޯދުމުގެ ގޮތުން އެސްބީއައި އިން ތިން ރަށް ވިއްކާލަން ފުރަތަމަ އިއުލާން ކުރީ ޖަނަވަރީ 18، 2022ގަ އެވެ. އެފަހަރު ކުރި އިއުލާނުގައި ނީލަން ފެށޭ އަގެއް ކަމަށް ބުނެފައި ވަނީ 17.5 މިލިއަން އެމެރިކާ ޑޮލަރު (270 މިލިއަން ރުފިޔާ) އެވެ.

ނަމަވެސް އެ ތިން ރަށް ނުވިކިގެން އެސްބީއައި އިން ވަނީ އެ ރަށްތަކުގެ އަގު ކުޑަކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން އިއުލާނުކޮށްފަ އެވެ.

އެސްބީއައި އިން ފަހުން ނެރެފައިވާ ނޯޓިހުގައި ބުނެފައިވާ ގޮތުން، ނީލަން ފެށޭ އަގަކީ 15.5 މިލިއަން އެމެރިކާ ޑޮލަރު (239 މިލިއަން ރުފިޔާ) އެވެ.

ނީލަމުގައި ބައިވެރިވުމަށް ބިޑު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 5:00ގެ ކުރިންނެވެ. ބިޑު ހުޅުވުންވެސް އޮންނާނީ, ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ހަމަ އެދުވަހު އެވެ.

ބިޑް ހުށަހަޅާ ފަރާތުން ޑިޕޮސިޓެއްގެ ގޮތުގައި 15,000 އެމެރިކާ ޑޮލަރު ދައްކަންޖެހެ އެވެ. އަދި ނީލަން ކާމިޔާބުވެއްޖެ ނަމަ, އެ ޑިޕޮސިޓް ފައިސާ ނީލަމުގެ ދެވަނަ އިންސްޓޯލްމަންޓުގެ ތެރޭގައި ހިމެނޭނެ އެވެ.

ނީލަން ކާމިޔާބު ކުރި ފަރާތުން އަގު ދައްކަން ޖެހެނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. އެއީ ހަތް ދުވަސް ތެރޭގައި އެއް މިލިއަން ޑޮލަރު އަދި 30 ދުވަސް ތެރޭ ތިން މިލިއަން ޑޮލަރު އަދި ބާކީ ބައި 60 ދުވަސް ތެރޭގަ އެވެ. އަދި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކުން ފައިސާ ނުދައްކައިފި ނަމަ ދެން އެންމެ މަތީ އަގު ހުށަ ހެޅި ފަރާތަށް ރަށް ވިއްކާލާ ގޮތަށް އޮތީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް