ފްލޯޓިން ސިޓީގެ މަސައްކަތް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފި

ދުނިޔޭގައި ވެސް މިހާތަނަށް ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތަކެއް އެޅުމުގެ މަސައްކަތް، ކޮންސްޓްރަކްޝަން ކުންފުނި ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ. ފްލޯޓިން ސިޓީ އަޅަން ސަރުކާރުން ހަވާލުކުރި ނެދަ...

12 Feb 2022 | 08:03

ދުނިޔޭގައި ވެސް މިހާތަނަށް ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތަކެއް އެޅުމުގެ މަސައްކަތް، ކޮންސްޓްރަކްޝަން ކުންފުނި ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

ފްލޯޓިން ސިޓީ އަޅަން ސަރުކާރުން ހަވާލުކުރި ނެދަލޭޏްޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއްގައި ތަރައްޤީ ކުރާ މި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށެވެ. މާލެއިން ފަސް މިނެޓެއްހާ އިރު ތެރޭގައި ދެވޭ މި ފްލޯޓިން ސިޓީގެ ގެތައް ހަދަނީ ވަރަށް ގިނަ ކުލަތައް ހިމެނޭ ގޮތަށެވެ.

ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައި ވެއެވެ. މި ސިޓީގެ ވަށައިގެން ދެ ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވެއެވެ. އަދި ޔޮޓް މެރީނާއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ވެސް އެ ސަރަހައްދަށް ގެންނާނެއެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ އަންނަ ރޯދަ މަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ހާމަކުރެއެވެ.

މީގެ އިތުރުން މި ސިޓީގައި މިޑްލް ރޭންޖުން ފެށިގެން ހައި-ރޭންޖްގެ ގެތައް ހުންނާނެއެވެ. އަދި ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގައެވެ. ފްލޯޓިން ސިޓީގެ މި ގެތައް އިންސްޓޯލްމެންޓް އުސޫލުގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް