މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 171000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 171000 އިން މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ފެށުނު ފަހުން ރާއްޖެ ...

12 Feb 2022 | 05:58

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 171000 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 171،982 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 119،501 ފަތުރުވެރިންނެވެ. އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %43.9ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދުވެސް ކުރީ އަހަރުތަކާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.މިގޮތުން ފަތުރުވެރިން މިހާރު ރާއްޖޭގައި 9 ދުވަހު މަޑުކުރެއެވެ. މިދިޔަ އަހަރު މިއަދަދު އުޅުނީ 8 ދުވަހުގައެވެ.

މި އަހަރުތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 28،468 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ. އެއީ 18،348 ފަތުރުވެރިންނެވެ. އަދި 3 ވަނައިގައި އުޅެނީ މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި އިންޑިއާއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 13،947 ފަތުރުވެރިންނެވެ.

އެހެންކަމުން ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އާރާސްތުވަމުން މިހާރު ދަނީ ރަނގަޅު މިސްރާބަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް