ރާއްޖޭގައި ކުށް ސާބިތުވާ ގިނަ މައްސަލަތަކަކީ، ހެއްކާއި ޤަރީނާތަކަށް ބިނާކޮށް ކުށް ސާބިތުކުރެވޭ މައްސަލަތަށް ކަމަށް އެޓާނީ ޖެނެރަލް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖްރާއާތުގެ ޤާނޫނަށް ކަމާބެހޭ އިދާރާތަށް އަހުލުވެރި ކުރުވަން ބޭއްވި ޕްރޮޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ކުރެވުނު ކުށްތަކުގެ %97 މައްސަލަ ސާބިތުކުރެވުނީ ތުހުމަތު ކުރެވޭ މީހުންގެ އަމިއްލަ އިއުތުރާފަށް ބިނާކޮށް ކަމަށާއި އެކަމުގެ ސަބަބުން ގިނަ މައްސަލަތަށް ވެސް ކުރިމަތިވި ކަމަށެވެ.
އެފަދައިން ކަންތައް ކުރެއްވުމުން ތަހުގީގު މަރުހަލާގައި މަޖުބޫރު ކުރިކަމަށާއި ގަދަކަމުން ބަޔާން ހޯދިކަމަށް ކުރެވުނު ތުހުމަތުތަށްވެސް އިތުރުވެގެން ދިޔަކަން އެޓާނީ ޖެނެރަލް މުޙައްމަދު އަނިލް ވަނީ ފާހަގަ ކުރައްވާފައެވެ.
"ހަނދުމަފުޅު ހުންނާނެ 2003 ވަނަ އަހަރު ޖަލުގައި ހިނގައިދިޔަ ހާދިސާ. އޭގެ ފަހުން މީހުންނަށް އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވި، ތަހުގީގު މަރުހަލާގައި މިފަދަ ކަންތައްތަކެއް ހިނގާ ކަމަށް ތުހުމަތު ކުރެވުނު،" އަނިލް ވިދާޅުވި އެވެ.
ނަމަވެސް މިހާރު ކުށް ސާބިތުކުރެވޭ މައްސަލަތަކުގެ ތެރެއިން %97 މައްސަލަތަކަކީ ހެއްކާއި ގަރީނާތަކަށް ބިނާކޮށް ސާބިތުކުރެވޭ މައްސަލަތަށް ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން އެޓާނީ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަނިލް ވިދާޅުވީ ހެއްކަށް ބިނާކޮށް ކުށް ސާބިތު ކުރާނަމަ ފުލުހުންނާއި ތަޙުޤީޤު ކުރާ ފަރާތްތަކުގެ ދައުރު ބޮޑުވެގެންދާ ކަމަށާއި ޖިނާއީ އިޖްރާއާތުގެ ޤާނޫނަކީ އެކަމުގެ އުސޫލުތައް ބަޔާން ކުރާ ޤާނޫނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް