ގާސިމްގެ ފަޅުރަށްތައް ނުނަގާ މަޑުޖައްސާލަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދައުލަތުން ދޫކޮށްފައިވާ ފަޅުތަކުގެ އެގްރީމެންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ނޯޓިސ...

12 Feb 2015 | 08:24

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދައުލަތުން ދޫކޮށްފައިވާ ފަޅުތަކުގެ އެގްރީމެންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މި މަހުގެ ފަސްވަނަ ދުވަހު ދިން ނޯޓިސްއާ ގުޅިގެން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާއާ ގުޅިގެން ނެރުނު ވަގުތީ އަމުރުުގައި ބުނެފައި ވަނީ ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ދައުވާކުރާ ފަރާތަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މުއާމަލާތްތަކާއި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލާގައި ވިލާގެ ހައްގެއް އޮތް ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށެވެ.

ވިލާ އަށް ދީފައި ވަނީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅު އަދި އެ ރަށްތަކާ ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތައް ކަމަށް ޓޫއަރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވިލާ އަށް ދޫކޮށްފައިވާ ތިން ފަޅަކީ ކުރީގެ މުއާމަލާތަކާ ގުޅިގެން ވިލާ އަށް ލިބުނު ގެއްލުމުގެ ބަދަލެއް ދޭންޖެހި އެ ބަދަލު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ދެވެން ނެތިގެން ބަދަލުގައި ދިން ފަޅުތަކެއްކަން އެނގޭ ކަމަށް ވަގުތީ އަމުރުގައި ބުނެފައިވެ އެވެ. އެހެންވެ ވިލާ އިން ހުށަހަޅާފައިވާ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އެންގުމަށް އަމަލުކޮށްފިނަމަ ވިލާ އަށް ގެއްލުންތަކެއްވެ އެ ގެއްލުންތައް އިއާދަ ނުކުރެވޭނެ ގޮތެއް މެދުވެރި ވެދާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށްވެސް އަމުރުގައިވެ އެވެ.

ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ވިލާ އަށް ލިބޭ ގެއްލުމެއް މި ކަމުގައި އޮތް ނަމަ ބަދަލު ދެވިދާނެ ކަމަށެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ޓޫރިޒަމް މިނިސްޓްރީ އިން އެކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް