ލޮސް އެންޖަލިސްގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ރޯވެ އަނދަމުން އަންނަ އަލިފާންތަކުގައި މިހާތަނަށް 16 މީހަކު މަރުވެފައިވާކަމަށް އެލްއޭޓައިމްސްއިން ރިޕޯޓުކޮށްފިއެވެ.
ލޮސް އެންޖަލިސް ޓައިމްސް (އެލްއޭޓައިމްސް) އިން ބުނެފައިވާގޮތުގައި ބޮޑު ހަތަރު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުން އަންނައިރު އަލިފާން ފެތުރިފައިވާ ޖުމްލަ ސަރަހައްދުގެ އަދަދު ގާތްގަނޑަކަށް 40 ހާސް އޭކަރާ ގާތްކުރެއެވެ.
އަލިފާނުގެ މި ހާދިސާތަކުގައި 10 ހާހަށްވުރެ ގިނަ އިމާރާތް އަނދާ އަޅިއަށްވެ ބިމާހަމަވެފައިވާއިރު އަލިފާން ރޯވެފައިވާ ބޮޑު ހަތަރު ސަރަހައްދުންކުރެ އެއްވެސް ސަރަހައްދެއްގައި އަލިފާން އެކުގައި ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ. އަލިފާން ރޯވެފައިވާ އެންމެ ބޮޑު ސަރަހައްދުކަމުގައިވާ ޕެލިސޭޑްސް ސަރަހައްދުގައި 23 ހާހަށްވުރެ ގިނަ އޭކަރު ސަރަހައްދުގައި އަލިފާން ރޯވެ ފެތުރެމުން އަންނައިރު އެ ސަރަހައްދުން އަދި ކޮންޓްރޯލު ކުރެވުނީ އެންމެ 11 އިންސައްތައެވެ.
އަލިފާން ކޮންޓްރޯލު ކުރުމުގައި ދަތިތަކާ ކުރިމަތިވަނީ ވައިގަދަވުމުގެ ސަބަބުން އަލިފާން ބާރު ސްޕީޑެއްގައި ފެތުރޭތިއްޔާއި ވާރޭ ނުވެހި ގިނަ ދުވަސްވުމުން ހަނަފަސްކަން އިތުރުވެފައިވުމުންކަމުގައި ބުނެފައިވެއެވެ.
ކުރިއަށް އޮތް ދެތިން ދުވަހެއްގައި މޫސުން އިތުރަށް ގޯސްވެ އެ ސަރަހައްދުގައި ވައިގެ ބާރުމިން އިތުރަށް ގަދަވާނެކަމަށް ބެލެވޭއިރު އަލިފާން އިތުރު ސަރަހައްދުތަކަށް ފެތުރި މިހާރަށްވުރެވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް