ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. ދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒުވާނުންގެ މަރ...

12 Jan 2024 | 05:05

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓްގައި ކުޅުނު ފައިނަލް މެޗްގައި ކުލަބު އާބަންކޯއާ ބައްދަލުކޮށް 3-1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢު ޝަރަފުވެރިކޮށްދެއްވި މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބު ޖާޒީ ނަންބަރ 14، ސްޓާފް ސާޖަންޓް އާދަމް ނަސީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ދިވެހި ސިފައިންގެ ކުލަބުގެ ޖާޒީ ނަންބަރު 7، މުބައްޝަރު ރަޒާ ހޮވުނުއިރު، މުބާރާތުގެ މޯސްޓް ވެލުއަބަލް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކުލަބު ޖާޒީ ނަންބަރު 10، ޕްރައިވެޓް ޙުސައިން ރައްޒާންއެވެ.

"ގައުމީ ވޮލީބޯޅަ މުބާރާތް 2023" ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ ސެޓްފިކެޓް، މެޑަލް އަދި ޓްރޮފީ ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއެވެ.

ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެސް ދިވެހި ސިފައިންގެ ކްލަބުން ވަނީ ހޯދާފައެވެ. ދިވެހި ސިފައިންގެ ކުލަބް ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޖަނަވަރީ 5 ވަނަ ދުވަހުގެ ރޭ ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ލީގު ބުރުގައި ހަ ޓީމު ވާދަކުރިއިރު، ޤައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައި ވަނީ ހަތަރު ޓީމެވެ. އެއީ ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސިޓީ ސްޕޯޓްސް ކުލަބް، ކުލަބް އާބަންކޯ އަދި ކުލަބް ވެމްކޯއެވެ.

ގައުމީ ވޮލީބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން، މުޙައްމަދު ރިޔާޒްއާއި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ކެބިނެޓް އެފެއަރޒް، އަޙްމަދު ޢަލީ ހަބީބްގެ އިތުރުން ކުޅިވަރުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ލިބިލައްވާފައިވާ އަލްފާޟިލް ސައްޔިދު ޢަލީ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާޢިބު ރައީސް، ޢަލީ އަޝްރަފް ވެސް ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް