ބީއެމްއެލުން ވަނީ ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި: ރައީސް ސޯލިހް

ބޭންކް އޮފް މޯލްޑިވްސް ވަނީ ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބޭންކް އޮ...

12 Jan 2023 | 17:56

ބޭންކް އޮފް މޯލްޑިވްސް ވަނީ ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އުމުރުން ފާއިތުވެގެން މިދިޔަ 40 އަހަރުގެ ތެރޭގައި، އެބޭންކުން ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

މިގޮތުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރައި ދިޔުމުގަޔާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާކުރިއެރުވުމުގަޔާއި ޢުމުރާނީ ތަރައްޤީ ގެނައުމުގައި ބޭންކް އޮފް މޯލްޑިވްސް އަދާކޮށްފައިވާ ދައުރު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުޞަތުތަކުގައި ވެސް ބޭންކުން އަދާކުރާ ދައުރާއި އަދި އިޖުތިމާޢީ ޒިންމާގެ ދަށުން، ބޭންކުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ސަރުކާރުގެ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތައް ހިންގައި ބަލަހައްޓައިދެނީ ބޭންކް އޮފް މޯލްޑިވްސްއިން ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެދިގެން އައި ގޮތާއި އެދުވަސްވަރު ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، ބޭންކު އޮފް މޯލްޑިވްސް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައިކަން ފާހަގަ ކުރައްވައި، ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަނގުލަދޭޝްގެ ސަރުކާރަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުވުނީ، 1982ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް