މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާ ކުރާތީ ކަންބޮޑުވޭ: އެމްއެމްސީ

މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާ ކުރާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނޫސްވ...

12 Jan 2023 | 17:47

މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާ ކުރާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ

މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްޤަކަށްވާއިރު ފަހަކަށް އައިސް އެ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އަދި މުޒާހަރާތަކާއި އެހެނިހެން ހަރަކާތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާއި ބައެއް ނޫސްވެރިންނަށް އަނިޔާ ލިބެމުންދާ ކަމުގެ ޝަކުވާއަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނީ ބައެއް މުޒާހަރާތަކާއި އެއްވުންތަކުން ނޫސްވެރިން ހައްޔަރުކުރާކަމުގެ، ޝަކުވާތަކާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ އެކައުންސިލުން މަޝްވަރާކޮށް އަލިމަގެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމައެހެންމެ، މުޒާހަރާތަކާއި އެހެނިހެން ހަރަކާތްތައް ގެނެސްދޭ ނޫސްވެރިންނަށް، ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ހައްޤު ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެގޮތް ހަދާދީ، ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ދޭންޖެހޭނެކަމަށް އެ ކައުންސިލުން ދެކޭކަމަށް މީޑިއާ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

އަދި އެއްވުންތައް ފަދަ ހަރަކާތްތައް ކަވަރު ކުރުމުގައި ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑަށް ތަބާވެ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް