ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ކުރައްވާ ދަތުރުފުޅުތަކުގައި ހަރަދު ކުރަނީ ކެމްޕެއިން ޓީމުން ކަމަށާއި ދައުލަތަކުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށް އެ މަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ، ރައީސް ކުރައްވާ ކެމްޕޭނު ދަތުރުތަކަށް ހަރަދު ކުރަނީ ކެމްޕޭނު ޓީމުން ކަމަށާއި ރައީސްގެ އެއްވެސް ކެމްޕޭން ދަތުރަކަށް ދައުލަތުން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާ ކަމަށެވެ.
އަދި ކޮންމެތަނަކަށް ރައީސް ވަޑައިގެންނެވި ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅާކަމަށްވާތީ، ރައީސްގެ ސެކިއުރިޓީއާއި އެ މަނިކުފާނު ސަޕޯޓް ޓީމު ހުރިހާ ތަނެއްގައިވެސް ރައީސާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.
ޕާޓީ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާއިރުވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ، ބައްދަލުކުރައްވާނީ ރައްކާތެރި ތަނެއްގައި ކަމަށާއި ނަމަވެސް ޕާޓީގެ ރަސްމީ ބައްދަލުވުމެއް މުލީއާގޭގައި ނުބާއްވާނެ ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ރައީސްގެ ރިޔާސީ ކެމްޕޭން ދަތުރުތަކުގައި ބޭނުންކުރައްވާ ލޯންޗުކޮޅަކީވެސް ކެމްޕޭނުން ހަރަދުކޮށްގެން ބޭނުންކުރާ ލޯންޗެއް ކަމަށާއި ނަމަވެސް މާލޭގެ އެހެނިހެން ތަންތަނަށް އެމަނިކުފާނު ވަޑައިގަންނަވާއިރު ބޭނުންކުރައްވާނީ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތަށް، ސިފައިން ކަނޑައަޅާ ވެހިކަލެއް ކަމަށެވެ.
އަދި އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ކަނޑައެޅިދާނެތޯ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު ވަނީ ސުވާލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް