ކާބޯތަކެތީގެ އަސްލު ލޭބަލް ނޫން އެހެން ލޭބަލެއްގައި އެތެރެކުރާ ނަމަ ހެލްތް ކުލިއަރެންސް ނުދޭން ނިންމައިފި

ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަސްލު ލޭބަލް ނޫން އެހެން ލޭބަލެއްގައި  އެތެރެކުރާ ތަކެއްޗަށް ހެލްތް ކުލިއަރެންސް ނުދޭން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމައިފިއެވެ. ފުޑް އެންޑް ޑ...

12 Jan 2023 | 11:54

ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަސްލު ލޭބަލް ނޫން އެހެން ލޭބަލެއްގައި  އެތެރެކުރާ ތަކެއްޗަށް ހެލްތް ކުލިއަރެންސް ނުދޭން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ ދިވެހިރާއްޖެއަށް އެތެރެކުރާ ބިސްކޯދުފަދަ ބައެއް ކާބޯތަކެތި، އެހެން އުފެއްދުމެއްގައި ބަންދުކޮށް ވިއްކުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ކޮންޓެއިނަރުތަކުގައި އެތެރެކުރާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

މިގޮތުން ވަކި އުފެއްދުމެއް ބަންދުކުރުމަށް ޚާއްސަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުމެއް ބަންދުކުރުމަށްފަހު އެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭފަދަ އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ބަންދުކުރި ކާބޯތަކެތި މިގޮތަށް ލޭބަލް ކުރުމަކީ އެ ބޭނުންކުރާ ފަރާތަށް އަސްލު އޮޅުން އަރާފަދަ ހާލަތެއް މެދުވެރިވެދާނެ ފަދަ ފުރުސަތު އޮތް ކަމެއް ކަމަށާއި

އަދި މިއީ އެފަދަ އުފެއްދުމެއްގައި މައްސަލަޖެހިއްޖެ ހާލަތެއްގައި އެ އުފެއްދުމެއް ޓްރޭސް ކުރުމަށް އޮތް ފުރުސަތު ގެއްލޭނެ ކަމެއް ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އެއަށް ހާއްސަ ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިގޮތުން މިނޫން ގޮތްގޮތަށް ކާބޯތަކެތި ބަންދުކޮށް ލޭބަލް ކުރުމަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަންދުކުރި ކާބޯތަކެތީގެ ޤައުމީ މިންގަނޑާއި ހިލާފުކަމެއް ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައި ވެއެވެ.

އެހެންކަމުން އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗައް 15 ފެބްރުވަރީ އިން ފެށިގެން ހެލްތް ކުލިއަރެންސް ނުދޭނެކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މިއަދު އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުން ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ. ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް