އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް އުތުރުގެ ރަށްތަކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން އުތުރު ރަށްތަކުގެ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" އެ ރަށްތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެގޮތުން ޑިފެންސް މިނިސްޓްރީން ބުނީ އުތުރުގެ ހއ. ހދ، އަދި ށ. އަތޮޅުގައި މި ސާވޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 19އިން އަންނަ މަހުގެ 28ގެ ނިޔަލަށް ކަމަށެވެ.
މި ސާވޭގައި ރާއްޖޭގެ ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރުމާއި، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމާއި، ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި ގިރިފަރުތަކުގެ މަޢުލޫމާތު އެއްކުރުން ހިމެނޭކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއެވެ.
ޑިފެންސް މިނިސްޓްރީން ވަނީ މި ސާވޭގައި ކުދި އުޅަނދު ފަހަރުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް މަޢުލޫމާތު އެއްކުރުމުގައި ސާވޭ ޓީމުތަކުން 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަން ހާމަކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ހާމަކުރާ ގޮތުގައި ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ޖީޕީއެސް އަދި ކަރުދާސް ޗާޓާއި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް