އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަކީ ވަރަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީ މްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން އަންނަ ދަނޑިވަޅެއްގައެވެ.
ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުއާއި އެބޭފުޅުންނާއި ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެބޭފުޅުންނަށް ރައީސް ނަޝީދުގެ ދީނާއި ދުރު ޚިޔާލާތުތަކާއި ސިޔާސަތުތައް ކަމުނުދާކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.
އެގޮތުން އެކަންކަމަށް ފާޑުކިޔުމަކީ ޒާތީވުމެއް ނޫން ކަމަށާއި ލިވާތު މައްސަލަ ހެއްކަކަށް ފުދޭކަމަށާއި އަލުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަކީ ވަރަށް ގެއްލުން ބޮޑުވާނެ ކަމެއްކަމުގައި ޝައިހް ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
https://twitter.com/alizaid1000/status/1613086313791787009
މީގެ އިތުރުން ޝައިހް ޒައިދު މިހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަކީ ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ކަމަށް ވިދާޅުވެ، އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް