ހުޅުމާލޭގައި ދިރިއުޅޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ސްކޫލް ބަހުގެ ޚިދުމަތް ދޭން ފަށައިފި އެވެ.
މިއީ މާލޭގެ ސްކޫލެއްގައި ބަހުގެ ހިދުމަތްދޭ ފުރަތަމަ ފަހަރެވެ. އެ ސްކޫލްގައި މި ހިދުމަތް ފެށީ މިދިޔަ އަދިއްތަ ދުވަހު ފެށުނު ދެވަނަ ޓާމުގެ ކިޔެވުމާއި އެކު އެވެ.
އެ ސްކޫލުން ބުނީ މިއަހަރުގެ ދިރާސީ އާ އަހަރާއި އެކު އެ ހިދުމަތް ދޭން މަސައްކަތް ކުރި ނަމަވެސް ހިދުމަތް ފެށުން ލަސްވީ ކަމަށެވެ.
މި ހިދުމަތް ދެނީ އަމު ޕްލަސް ނަމަކަށް ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ.
އެ ސްކޫލްގެ ބަހުގައި ހުޅުމާލެ ފޭސް ވަން އާއި ފޭސް ދޭއްގައި ދިރިއުޅޭ އެ ސްކޫލް ކުދިންނަށް ސްކޫލަށް ދެވޭނެ އެވެ. މި ހިދުމަތަށް ކޮންމެ ކުއްޖެއްގެ އަތުންވެސް ފީއެއް ނަގަ އެވެ.
ގިޔާސުއްދީނުން ބުނީ ހުޅުމާލެއިން ފެށިގެން މާލެއަށް ގެނެސް ސްކޫލާއި ހަމައަށް ކުދިން ގެނައުމާއި ކިޔަވާ ނިމުމުން ގެންދިއުމުގައި ދަރިވަރުންނަށް ހަމަޖެހޭ ރައްކާތެރި އަމާން މާހައުލެއް ބަހުގައި ގާއިމްކޮށްދީފައިވާނެ ކަމަށެވެ. އަދި އެ ކުދިންނާއި އެކު އަބަދުވެސް ޓީޗަރަކު ބަހުގައި ދަތުރު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް