ހއ. ހޯރަފުއްޓާއި ރ. މީދޫގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ބުނީ ހޯރަފުށީ ހޮސްޕިޓަލު އިމާރާތާއި މީދޫ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތުގެ އަގަކީ ކޮންމެ އިމާރާތެއް 472,000.00 ރުފިޔާ ކަމަށެވެ.
އެގޮތުން މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ޤަވާއިދު ގައިވާ ގޮތުގެ މަތިން ކަމަށާއި އަދި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ބީލަމެއްގައި -/500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ.
ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ވެސް ގެޒެޓުގައި ބުނެފައި ވެއެވެ.
އަދި ފައިސާ ދެއްކުމަށްފަހު، ބީލަންތަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެހާއި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުއްވަންވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް އެ މިނިސްޓްރީގެ ވެބްސައިޓް ގައި މި ޖެނުއަރީ މަހުގެ 17 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ކަމަށާއި ބިޑުތައް ހުޅުވުން އޮންނާނީ ފެބްރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11 ޖަހާއިރު، ފިނޭންސް ނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް