އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ސައުތެމްޓަން ޖާގަ ހޯދައިފި އެވެ.
މި މެޗުގައި ސައުތެމްޓަން އިން ސިޓީ ބަލިކުރީ 0-2 ގެ ނަތީޖާއިންނެވެ.
ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ސިޓީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް މެޗުގެ 23 ވަނަ މިނިޓްގައި ސައުތެމްޓަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ސައުތެމްޓަން އަށް ލީޑުނަގައިދިން މި ލަނޑު ޖަހައިދިނީ ލިޔާންކޯގެ އެހީތެރިކަމާއި އެކު ސޭކޫ މާރާއެވެ.
ސައުތެމްޓަނުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ 28 ވަނަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މޫސާ ޖެނޭޕޯ އެވެ.
ސިޓީ ބަލިކޮށް ސައުތެމްޕްޓަން އިން ސެމީގެ ޖާގަ ހޯދިއިރު، ރޭ ކުޅުނު ކުއާޓާގެ އަނެއް މެޗުގައި ބައްދަލުކުރީ ނޮޓިންހަމް ފޮރެސްޓް އާއި ވުލްވްސް އެވެ.
މި މެޗުން ވުލްވްސްގެ މައްޗަށް ނޮޓިންހަމް އިން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެ،ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
މި މެޗުގައި ނޮޓިންހަމް އަށް ލީޑުނަގައިދިނީ މެޗުގެ ފުރަތަމަ ހާފުގައި ވިލީ ބޮލީ ޖަހައިދިން ލަނޑުންނެވެ. ވުލްވްސް އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު ޖަހައިދިނީ ރައުލް ހިމެނޭޒްއެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި 4-3 އިން ކުރިހޯދާ ސެމީއިން ޖާގަ ހޯދީ ނޮޓިންހަމް ފޮރެސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް