ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުސްވެފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައ...

12 Jan 2023 | 06:08

ހުސްވެފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ގައިސް އިސްތިއުފާ ދެއްވާފައި ވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަތުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހޭކަމަށެވެ.

އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ، ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ ކަމަށާއި  ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.

ބްރޯޑްކޮމް އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް