ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް ކަޕޫރު، ފެން ބޯން އިންދަ ޕަޕަރާޒީއަކު ވީޑިއޯ ކުރުމުން އޭނާ ވަރަށް ބޮޑަށް ރުޅިއަތުވެއްޖެ އެވެ.
ޝާހިދު އާއި މީރާ ވަރަށް ދުވަސް ކޮށްފައި އިންޑިއާގެ މުމްބާއީ މަގުމަތިން ފެނުނީ ޝާހިދުގެ ފިލްމެއް ޕްރޮމޯޓު ކުރުމުގެ މަސައްކަތަށް ފަހު ގެއަށް ދާން ކާރަށް އެރި ވަގުތު އެވެ. އެގަޑީގައި ގިނަ ޕަޕަރާޒީންތަކެއް ފޮޓޯ ނެގި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ފޮޓޯ ނަގަންދެން ޝާހިދު ކާރުގެ ދޮރު ނުލައްޕާ މަޑުކޮށްލި އެވެ. އަދި ފޮޓޯއަށް ހީނލާ ހެދި އެވެ.
އެކަމަކު އޭނާ ރުޅި އައީ ދެމީހުން ކާރަށް އަރައި ހަމަޖެހިލައި ދޮރުލައްޕަން އުޅުނުހެން ހީވުމުން މީރާ ފެންފުޅިއެއް ނަގައިގެން ފެންބޯން ފެށިތަނާ ޕަޕަރާޒީއަކު ވީޑިއޯ ކުރަން ފެށުމުންނެވެ. ޝާހިދު ވަނީ ވީޑިއޯ ކުރަނީ ކީއްކުރަންތޯ ސުވާލުކޮށް ޕަޕަރާޒީ އާއި ވަރަށް ރުޅި އައިސް ބާރަށް ވާހަކަ ދައްކާފައި އެވެ.
ޝާހިދު އަމަލު ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ.
އެގޮތުން ފެން ބޯން މީރާއަށް ކާރުގެ ދޮރު ލައްޕަން ދެ މަޑު ކުރެވޭނެ ކަމަށާއި އޭނާވެސް އަވަހަށް ފެން ބޯން ފެށީ އެތަން ދައްކަން ވެގެން ކަމަށް ބުންޏެވެ. އަދި މަޝްހޫރު މީހުންގެ ފޮޓޯ އާއި ވީޑިއޯ އާންމުތަނެއްގައި ކޮންމެ ކަމެއް ކުރަނިކޮށްވެސް ނަގާފާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.
ޝާހިދު އެންމެ އަވަހަށް ފެންނާނީ ފިލްމު "ފަރްޒީ" އިންނެވެ. އޭނާ އާންމުންގެ ތެރެއިން ފެނުނީ އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ކުރަން ނުކުމެ އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް