އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ގުޅޭގޮތުން ރަސްގެންފާނު ޗާލްސް ގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ލިޔުއްވި ފޮތުގައި ހުރި ވާހަކަތަކުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދިއްޖެ އެވެ.
މިމަހުގެ 10 ވަނަ ދުވަހު އިނގިރޭސި ބަހުން ލިޔެފައިވާ ފޮތް ބާޒާރަށް ނެރުނު އިރު އޭގެ ކުރިން ސްޕެނިޝް ބަހުން ލިޔެފައިވާ ފޮތް ނެރެފައިވެ އެވެ. ފޮތުގައި އޭނާ ވަނީ އެންމެ ކުޑައިރުން ފެށިގެން ބޮޑުވެ، މީހަކާއި އިން ފަހުން ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލްއަށް ޝާހީ އާއިލާ ތެރެއިން ދިމާވި ތަފާތު ކުރުމުގެ ކަންކަން ކަމަށް ބުނެ އެތައް ސިއްރުތަކެއް ބޭޒާރުކޮށްފައި އެވެ.
ފޮތުގައި ލިޔެފައިވާ ބައެއް މުހިންމު ވާހަކަތަކުގެ ތެރޭގައި ޕްރިންސް ހެރީ ދުނިޔެއަށް ގެނެސްފައިވަނީ ޕްރިންސް ވިލިއަމް ތަހުތަށް އިސްވާންވާއިރަށް ދިމާވެދާނެ ސިއްހީ މައްސަލައެއްގެ ސަބަބުން ގުނަވަނެއް ބޭނުންވެއްޖެ ހިނދެއްގައި ދޭން ޖެހޭ ގޮތަށް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށެވެ. އަދި އޭނާ މަރުވިޔަސް ޕްރިންސް ވިލިއަމް މަރުވެގެން ނުވާނެ ކަމަށް ޝާހީ އާއިލާގައި ފެށުނީންސުރެ ނިންމާފައި އޮންނަ ކަމަށެވެ.
ކިންގް ޗާލްސްގެ އަނބިކަނބަލުން ކަމީލިއާ އަކީ އޭނާގެ މަންމާފުޅު ޕްރިންސަސް ޑްޔާނާ އާއި ބައްޕާފުޅުގެ ދޭތެރެއަށް ވަތް ތިން ވަނަ މީހެއް ކަމަށާއި ކަމީލިއާ އާއި ކައިވެނި ނުކުރުމަށް އޭނާ އާއި ޕްރިންސް ވިލިއަމް، ބައްޕާފުޅު ކައިރީގައި އާދޭސް ކުރި ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން މޭގަން އާއި ކައިވެނި ކުރަން އުޅުން އިރު ޕްރިންސް ވިލިއަމްގެ އަންހެނުން ޕްރިންސަސް ކޭޓް އާއި ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ވާހަކަވެސް ލިޔެފައި އޮތެވެ. އޭގެ ތެރޭގައި ކޭޓް ގެ ބޮޑާއި ކިބުރުވެރިކަން ހުރި ވަރު ބުނެދީފައިވެ އެވެ.
އެކަންކަން ހާމަ ކުރުމުން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ފޮތުގައި ހުރި އެހެން ބައެއް ވާހަކަތަކަކީ ދޮގެއް ކަމަށް އެ ވާހަކަތައް ނިސްބަތްވާ މީހުން ވަނީ ބުނަން ފަށާފައި އެވެ. އޭގެ ތެރެއިން އެއް ވާހަކަ އަކީ މެކްސިކޯއިން އިނގިރޭސިވިލާތަށް ކުރި ދަތުރެއްގެ ވާހަކަ އެވެ.
ޕްރިންސް ހެރި ބުނީ ދެމީހުންގެ ކައިވެންޏާއި ގުޅިގެން މެކްސިކޯގައި މޭގަންގެ ބައްޕަ ތޯމަސް މާކަލް އަށް ފުރައްސާރަ އާއި ކުރިމަތިވާން ފެށުމުން، ގުޅައި އޭނާއަށް އިނގިރޭސިވިލާތަށް ދިއުމަށް އެންގި ކަމަށެވެ. އަދި އެއާ ނިއުޒިލެންޑުގެ ފްލައިޓަކުން ފަސްޓްކްލާސް ޓިކެޓެއް ބައްޕައަށް ބުކް ކޮށްދީގެން އޭނާ އިނގިރޭސިވިލާތަށް ގެންދިޔައީ މޭގަންގެ ހަރަދުގައި ކަމަށެވެ.
މި ވާހަކަތައް ދޮގުކޮށް އެއާ ނިއުޒިލެންޑުން ބުނީ އެ އެއާލައިނުން މެކްސިކޯ އާއި އިނގިރޭސިވިލާތާއި ދެމެދު ދަތުރު ނުކުރާ ކަމަށެވެ. އަދި އެ އެއާލައިނުން ފަސްޓްކްލާސް ހިދުމަތް ނުދޭ ކަމަށާއި އެންމެ މަތިން ދެނީ ބިޒްނަސް ކްލާސް ޕްރިމިއާ ހިދުމަތް ކަމަށެވެ.
މޭގަންގެ ބައްޕައަށް ކައިވެނީގެ ބައިވެރިނުވެވުނު މައްސަލައިގަ މެކްސިކޯއަށް ދިއުމަށް ކުރީގެ ރާނީ އެލިޒަބަތް ދޭއް އެންގެވި ކަމަށް ބުނެ ހެރީގެ ފޮތުގައި ވާހަކަތަކެއް ލިޔެފައިވެ އެވެ. އޭގައި ބުނީ ރާނީ އެންގެވީ ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
އެކަމަކު ރަސްމީ ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގައި އޭނާގެ ބައްޕައަށް ބައިވެރި ނުވެވުނީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ހުރުމުން ދަތުރު ނުކުރެވިގެންނެވެ.
މީގެ އިތުރުން ހެރީ ފޮތް ލިޔުނު އިރު މައުލޫމާތު ސައްހަ ކުރުމަށް ސަމާލުކަން ދީފައި ނުވާ ކަމަށް ފޮތާއި ގުޅޭގޮތުން ދިރާސާ ކުރި ތަޖުރިބާކާރުން ބުނެފައިވެ އެވެ. އެއީ ކާފައިގެން ލިސްޓުގެ ހަތް ވަނައިގަ ހިމެނޭ ކާފަ އަކީ ކިންގް ހެންޑްރީ ކަމަށް ލިޔެފައިވާއިރު އެ ކާފަ އަކީ ޖިންގް ޖޯޖް ތިނެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ.
އަދި ހެރީ ފޮތުގައި ލިޔެފައިވާ ކާފަ ކަމަށް ބުނާ މީހާ އަކީ އުމުރުން އެންމެ 17 އަަހަރުގައި މަރުވި މީހެއް ކަަމަށް ބުނެ އެވެ.
މި ފޮތާއި ގުޅިގެން އިނގިރޭސީން ވަރަށް ބޮޑަށް ހެރީ ދެކެ ރުޅި އައިސްފައިވާއިރު ފޮތުގައި ހުރި ވާހަކަތަކުން އެންމެ ގިނައިން ހަބަރު ލިޔެ ހެރީއަށް ތައީދު ކުރަމުން ދަނީ އެމެރިކާ މީޑިއާއިންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ފޮތުގެ ސަބަބުން ޝާހީ އާއިލާ އާއި ޕްރިންސް ހެރީ އާއި ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް