ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް 250 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރ އަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާ ޙަވާލު ކުރި މި މަޝްރޫއު ގައި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. އަދި 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓާއި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މަޝްރޫޢު ގައި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލައި، އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރުކުރާނެއެވެ.
މިމަހުގެ ހަތްވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލާނެ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ދެ ކޮމަންޑޫ، ލިންކަކުން ގުޅުވައިލުމަށް ހަމަޖެހިފައިވާ އިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް