އެޕިކްއަށް ކުރި އިތުބާރުން އެތައް ބަޔަކަށް ފްލެޓަށް ނުވަދެވި، ވާނުވާގައި!

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ގޭތެރޭގެ މަސައްކަތްތައް ނިންމަން ގިނަ ބަޔަކު ހަވާލު ކުރި އެއް ކުންފުންޏަކީ އެޕިކް ޝެލްޓާ އެވެ. އެތައް ސަތޭކަ ފްލެޓުވެރިންނެއް އެ ކުނ...

12 Jan 2022 | 12:57

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ގޭތެރޭގެ މަސައްކަތްތައް ނިންމަން ގިނަ ބަޔަކު ހަވާލު ކުރި އެއް ކުންފުންޏަކީ އެޕިކް ޝެލްޓާ އެވެ.

އެތައް ސަތޭކަ ފްލެޓުވެރިންނެއް އެ ކުންފުންޏަށް އިތުބާރު ކުރީ އެމީހުންގެ މޮޅު ވާހަކައިންނާއި ފައިސާ ދެއްކުމަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދެމުން ކުރި ކެމްޕެއިނެއްގެ ބޮޑު ކަމުންނެވެ. ޓީވީ ޝޯތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކުންފުނިން ވަނީ ކުންފުނީގެ މަސައްކަތުގެ ފުރިހަމަކަން އިޝްތިހާރުކޮށްފަ އެވެ.

އެކަން އެމީހުން ދަނީ ލަހުން ނަމަވެސް ބައެއް ފަރާތްތަކަށް ސާބިތުކޮށްދެމުންނެވެ. މިހާތަނަށް އެމީހުން މަސައްކަތް ނިންމައި ވީޑިއޯ އާންމު ކުރި ހިޔާ ފްލެޓުތަކުގައި ކޮށްފައިވަނީ ބަލާލަން ރީތި ހިތްގައިމު މަސައްކަތްތަކެކެވެ. އެކަމަކު އެ ރީތި ކަމަށް ހިޔަނި އެޅި، އެކަންކަން މީހުންގެ ލޮލުގައި އަޅައި ނުގަންނަ ހިސާބައް ދިޔައީ އަދިވެސް އެތައް ބަޔެއްގެ ފްލެޓުތައް ނުނިމި ދިގުލައިގެން ދިއުމާއި ކުންފުނީގެ ވެރިންގެ ދޮގުހެދުން ހައްދު ފަހަނައަޅައި ދިއުމުންނެވެ.

އެ ކުންފުނިން އާންމުކޮށް އެޕާޓްމެންޓެއް ނިންމާނެ ކަމަށް ބުނެފައިވަނީ ތިން މަސް ދުވަހުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ފަހުކޮޅު އެޕާޓްމެންޓެއް ނިންމަން ހަވާލު ކުރި މީހަކު ސޯޝަލް މީޑިއާގައި ބުނީ އޭނާގެ ފްލެޓު ނިންމަން ބުނީ ނޮވެމްބަރު މަހަށް ކަމަށެވެ. އެކަމަކު އެ ތާރީހަށް ނުނިމިގެން އިތުރު ދެ ތާރީހެއް ދިން ނަމަވެސް އަދިވެސް ނުނިމޭ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލު ކުރި ބައެއް އެޕާޓްމެންޓުތަކުގައި އަދި މުށި ޖަހާލުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނުވާއިރު ފައިސާ ދައްކާ ޕެކޭޖުގައި ހިމެނޭ ތަށިމުއްޓާއި މައިކްރޯވޭވް އަވަނާއި އުނދުން ފަދަ ތަކެތި ނޫން، ފެންވަރުދަށް އެއްޗެހި ޖަހާފައި ހުންނަ މައްސަލަވެސް މީހުން ދަނީ ފާހަގަ ކުރަމުންނެވެ. އަދި އެ ތަކެތި އެމީހުންގެ އެޕާޓްމެންޓުތަކުގައި ހަރުކުރުމުގެ ކުރިން ހުއްދަ ނުހޯދާ ކަންވެސް ފާހަގަ ކުރެ އެވެ.

ބައެއް މީހުން ދަނީ ފެންވަރުދަށް ތަކެތި ބޭނުން ކުރާތީ އަމިއްލައަށް ފައިސާ ހަރަދުކޮށް އެތަކެތި ގަނެގެންވެސް އެ ކުންފުންޏާއި ހަރުކުރުމަށް ހަވާލު ކުރަމުންނެވެ.

ބައެއް ފަރާތްތަކުން އެޕިކްއިން ކަނޑައަޅާފައިވާ ބައެއް ޕެކޭޖުތަކަށް 131،000 ރުފިޔާ ދައްކާފައިވައިރު އަނެއް ބަޔަކު ވަނީ 44،000 ރުފިޔާ ދައްކާފަ އެވެ. ފައިސާ ދެއްކުން ލުއިކޮށްދިނުމުގެ ގޮތުން 100 ޕަސެންޓު، 70 ޕަސެންޓު އަދި 30 ޕަސެންޓު ފައިސާވެސް އެޑްވާންސަށް ދެއްކެ އެވެ.

ފްލެޓުތަކުގެ ވެރިން އިތުރަށް ރުޅިއަންނަން ޖެހިފައިވަނީ އެޕިކް ކުންފުނީގެ ވެރިންނާއި މައުލޫމާތު ސާފު ކުރަން ގުޅަން ދީފައި އޮންނަ ނަމްބަރުން ޖަވާބެއް ނުލިބި ހާސްކަމުގައި ތިބެންޖެހޭތީ އެވެ.

އެޕިކާއި މަސައްކަތް ހަވާލު ކުރި ބައެއް މީހުން "ދުވަސް" އަށް މައުލޫމާތުދެމުން ބުނެފައިވަނީ ހިތްހަމަ ނުޖެހިގެން މަސައްކަތް ލަސްވާތީ ކުރިން ގުޅުމުން ޖަވާބުދާރީވި ނަމަވެސް މިހާރު ފޯނުވެސް ނުނަގާ ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓަށް ހާއްސަ އޮފީހަށް ކުރިން ވަދެވުނަސް މިހާރު ދާ ކޮންމެ މީހަކަށް ވަދެ މައުލޫމާތު ސާފުކުރުމުގެ ދޮރު ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.

އިތުރު މީހަކު ބުނީ އެމީހުން މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަގީންކަން ދިން ވަރުން ކުއްޔައް އުޅުނުތަން ދޫކޮށްލަން ނޯޓިސް ދިނުމަށް ފަހު މަސައްކަތް ނުނިމުމުން އެ މުއްދަތު އިތުރު ކުރީ ކަމަށެވެ. އެކަމަކު ޖެނުއަރީ މަހާއި ހަމައަށް ފްލެޓަށް ނުވަދެވުނަސް ކުއްޔަށް އުޅުނުތަން ހުސްކުރަން ޖެހޭ ކަމަށް އެޕިކްއަށް އެންގުމުން ލިބުނު ޖަވާބަކީ އެހެން އެޕާޓްމެންޓެއް ހޯދައިދޭނެ ކަމަށާއި އެތަނަށް ބަދަލުވެ ފްލެޓު ހެދެންދެން އަމިއްލައަށް ކުލި ދައްކައިގެން އުޅުމަށެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން އެޕިކްއިން މީޑިއާގައި ބުނީ ފްލެޓުތަކުގެ މަސައްކަތް ނުނިމި ލަސްވަނީ ކޯވިޑާއި ހެދިއާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ލަސްވާތީ އެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ އެކި މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށްވާތީ ވަކި ވަކި ކުންފުނިތަކުން ކުރާ މަސައްކަތްތައް ލަސްވަނީ ކަމަށް ބުނެފައިވެ އެވެ.

މިއީ ހަމަ އެކަނި އެޕިކް ކުންފުނިން އަމަލު ކުރަމުންދާ ގޮތެއް ނޫނެވެ. ހިޔާ ފްލެޓުތަކުގެ މަސައްކަތް ނެގި ބޮޑެތި ކުންފުނިތަކާއި އަމިއްލަ މީހުންވެސް ވަނީ ފްލެޓުވެރިންނަށް ލަނޑުދީފައެއްވެ.

ބައެއް މީހުން އަތުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ގޮސްފައިވާއިރު އަނެއް ބަޔަކު އެތަން ހަދަން ގަންނަ ތަކެތި ވަގަށް ގެންދިއުމުގެ މައްސަލަވެސް ދިމާވެފައިވެ އެވެ. ފްލެޓުތަކުގެ ކުލި ދެއްކުން ފަސްކުރުމަށް ގިނަ ބަޔަކު އެދޭ ސަބަބުތަކުގެ ތެރޭގައި މިކަންކަންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް