ކެމްޕޭން ދުވަސްވަރާއި ދިމާކޮށް ތަރައްޤީގެ މަޝްރޫޢުތައް އިއުލާނުކޮށް، އިފްތިތާހްކުރުމަށް ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައިި ބޭނުން ކުރުން ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމާއަތެއް ކަމުގައިވާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފިން މިހެން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބާއި ދިމާކޮށް ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫޢު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކެމްޕޭނާއި ދިމާކޮށް ށ. ކޮމަންޑޫ އާއި އެ ރަށާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވާލުމަކީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނެތް މަޝްރޫޢެއް ކަމުގައެވެ. އަދި އެއީ ސަރުކާރުން ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމުގައި ތުހުމަތު ކޮށްފައި ވެއެވެ.
މި ދެ ރަށް ގުޅާލާ މަޝްރޫޢު އިއުލާނު ކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ދާއިރާގެ ގޮނޑި އަށް ވާދަ ކުރާ ކެނޑިޑޭޓުގެ ކެމްޕޭން އިފްތިތާހް ކުރަން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެވެ. އަދި އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގަންނަވާފައިވާ ވަޢުދެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން ޓްރާންސްޕޭރެންސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިފަދަ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާއި އެކު ހަމަހަމަ ކަމާ އެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވާ ކަމުގައެވެ.
މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓްގައި އެ މަޝްރޫޢު އަށް ލާރި ހިމަނާފައި ނުވާ ކަމަށާއި، އަދި ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިމަނާ އެއްވެސް ވެބްސައިޓެއްގައި މި މަޝްރޫޢު ހިމަނާފައި ނުވާ ކަމަށާއި، ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމަށްޓަކައި ހަދާ އީއައިއޭ ރިޕޯޓް ހަދާފައި ނުވާ ކަމުގައި ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، މަޝްރޫޢުގެ ޕްލޭނިންގް މަރުހަލާގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ އިރު، މި މަޝްރޫޢޫއަށް ހިޔާލު ހޯދަން އިއުލާނު ކޮށްފައި ވަނީ މަޝްރޫޢު ފަށަން ކުޑަތަންވެފައި ވަނިކޮށް އިއްޔެ ކަމުގައި ބުނެފައި ވެއެވެ.
އެހެންކަމުން ދައުލަތުގެ ވަސީލަތްތައް ނަހަަމަ ގޮތުގައި ބޭނުން ކުރުން މަނާ ކުރާ ޤާނޫނެއް 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން އެކުލަވާލައި ފުރިހަަމަ އަށް ތަންފީޒު ކުރުމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެެވެ.
އެގޮތުން ދަޢުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ފަރާތްތައް ޒިންމާ ދާރު ކޮށް ޖަވާބު ދާރީ ކުރުވުމަށް ގޮވާލާފައި ވެއެވެ.
ހަމަ އެހެންމެ، މަޝްރޫޢުތައް ރާވަނީ އެންމެ ބޭނުންޖެހިފައިވާ ކަންކަމަށާއި ސަރަހައްދުތަކަށް ކަން ކަށަވަރުކުރުމަށާއި، މަޝްރޫޢުތައް ހިންގަނީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން ކަން ކަށަވަރު ކުރަން ގޮވާލާފައި ވެއެވެ. އަދި މަޝްރޫޢުތައް ފެށުމުގެ ކުރިން އީއައިއޭ ރިޕޯޓު އެކުލަވާލައި، މަޝްރޫޢުތައް ރާވާއިރު ރައްޔިތުންގެ ފުރިހަމަ މަޝްވަރާ އާއި އެކު ކުރިއަށް ގެންދިއުމަށާއި އިންތިހާބުތަކާއި ގުޅުވައިގެން މިފަދަ މަޝްރޫޢުތައް އިއުލާނުކޮށް އިންތިހާބަށް ބާރު ފޯރުވުން ހުއްޓާލުމަށް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
އެ ދާއިރާގެ އިންތިހާބުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓުން ވާދަކުރެއެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް