އެމްއެމްޕީއާރްސީ އާއި ބީބީސީ ގްލޯބަލް ނިއުސް ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ބީބީސީ ގްލޯބަލް ނިއުސް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ. މި ފަހުމުނާމައިގާ އެމް...

12 Jan 2022 | 07:43

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ބީބީސީ ގްލޯބަލް ނިއުސް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މި ފަހުމުނާމައިގާ އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. ބީބީސީ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއި ކުރެއްވީ ބީބީސީ ސްޓޫޑިއޯސްގެ ކޮމަރޝަލް އޮޕަރޭޝަންސްގެ ސީނިަރ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަންއެވެ.

މި ފަހުމުނާމައިގެ ދަށުން އެމްއެމްޕީއާރުސީން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓަޖީއާ ގުޅުވައިގެން ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކެމްޕެއިންގެ މަގުސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި އެފަދަ ހާލަތާ ގުޅޭ އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމެވެ.

މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް މި ކެމްޕޭން ކުރިއަށް ގެންދާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާއި ޘަގާފަތް އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ބީބީސީގެ ޑިޖިޓަލް އަދި ބްރޯޑްކާސްޓިންގ ޕްލެޓްފޯމްތަކުގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ އެކުންފުނީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމަށެވެ.

ތޮއްޔިބް އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތަށް މި ފަހުމުނާމައިގެ ސަބަބަުން ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި އެ ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީ ޕްލެޓްފޯމް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓް ކުރެވޭނެ ކަމަށް ވެސް ތޮއްޔިބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް