މައިމޫނާއަށް އެވޯޑު، އަލީ ލަތީފަށް ރިވޯޑު، ރައްޔިތު މީހާއަށް އަނެއްކާވެސް ކޮވިޑު ވޯޑު

ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަހަރުގެ އަންހެނާގެ އެވޯޑު ލިބިލެއްވިއެވެ. ހަމަ ހަގީގަތުގައިވެސް ފާއިތު...

12 Jan 2022 | 07:18

ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަހަރުގެ އަންހެނާގެ އެވޯޑު ލިބިލެއްވިއެވެ. ހަމަ ހަގީގަތުގައިވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހު ކޮވިޑުގެ ހާލަތުގައި އެކަމަނާ ބުރަބޮޑު މަސައްކަތްތަކެއް ކުރެއްވިއެވެ. އެ އެވޯޑަކީ އެކަމަނާއަށް ހައްގު އެވޯޑެއް ކަމާއިމެދު ދެބަސްވުމެއް ނެތެވެ.

މިދިޔަ އަހަރު ނިމި މި އަަހަރު މި ފެށުނީ ކޮވިޑުގެ އައު ވޭރިއަންޓް "އޮމިކްރޯން" ގެ ނުރައްކަލާއި އެކުގައެވެ. އެ ނުރައްކާ ބޯމަތީގައި އޮތްކަން އެންމެ ރަނގަޅަށް އެނގިލައްވާނެ އެއް ބަޔަކަށް ވާނީ ހަމަ ގައިމުވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ޓެގް ޓީމެވެ.

ނަމަވެސް ނައިޓް މާކެޓް ތަކާއި ބޮޑެތި މުބާރާތްތަކާއި ޝޯތަކާއި ބޭއްވުން އެއްވެސް ހުރަހެއް ނެތި ދިޔައީ ކުރިއަށެވެ.

އަހަރު ފެށި ފުރަތަމަ މަހުގެ ތެރޭގައި ފެނިގެންމިދިޔައީ ހަަމަ ކުއްލިއަކަށް އުސޫލުތައް ހަރުދަނާ ކޮށްލިތަނެވެ. ކުއްްލިއަކަށް އައީ ޕީސީއާރު ޓެސްޓްގެ ވާހަކަތަކެވެ. އެހިސާބުން ތުހުމަތުގެ އިނގިލި ދިއްކުރެވެން މި ފެށީ ޓެގް ޓީމްގެ އިސްވެރިޔާ ޑރ. އަލީ ލަތީފަށެވެ. އާންމުންގެ ގިނަބަޔަކު ތުހުމަތު ކުރާ ގޮތުގައި ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކޮށްގެން އެކަމުގެ ބޮޑު ރިވޯޑެއް، މަންފާއެއް ނުސީދާ ގޮތެއްގައި ލިބެނީ ޑރ. އަލީ ލަތީފަށެވެ.

އެވޯޑު މައިމޫނާއަށެވެ. ރިވޯޑު ޑރ. އަލީ ލަތީފަށެވެ.

ދެން މި ތިބީ އަހަރެމެން އާންމު ދިވެހި ރައްޔިތުންނެވެ. އަހަރެމެންނަށް އޮތީ ކޯއްޗެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށްވެސް ކުރެވެ.

އަހަރެމެންނަށް އޮތީ އަނެއްކާވެސް ކޮވިޑު ވޯޑެވެ.

އަހަރެމެން މި ތިބެނީ ބުނިހާ ބަހެއް އަހައިގެން އެންގިހާ އެންގުމަކަށް ބޯ ލަބައިގެން އެޅުވިހާ މާސްކެއްވެސް އަޅައިގެންނެވެ. އަތާއި ފައިވެސް ދޮވެގެންނެވެ. މިގޮތަށް ބަސް އަހައިގެން ތިބޭތާ މި ވީ ދެ އަހަރެވެ. މި ފެށެނީ ތިންވަނަ އަހަރެވެ.

ނަމަވެސް ފެނުނު މަންޒަރަކީ ނަމްބަރުތައް އިންތިހާއަށް މައްޗަށް އަރައިގެން ގޮސް ހާލަތު އަނެއްކާވެސް އިންތިހާއަށް ނުރައްކާވެދާނެކަމަށް ބެލެވޭއިރުވެސް ގައުމު މިއޮތީ ކޮވިޑަށް އަތުވެދާނެ ހާލަތަކަށް ތައްޔާރު ނުވެ ކަމެވެ. ތައްޔާރީ ހާލަތު ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ހުރި ހިސާބުގައި ކަމެވެ.

ހާލަތު އޮތްތާ އޮއްވާ، ރައްޔިތުން ރަތް ދައްކާ އަވީގައި ޕީސީއާރު ކިއުގައި ތިބޭއިރު އަދިވެސް އެވެރިން، އިސްވެރިންގެ ކިބައިން ފެންނަމުންމިދަނީ ވިޔަފާރިވެރިންނަށް މަންފާ ވާނެހެން ކަންކަން ދާނެ ދިމާއަކަށް ދާން ދޫކޮށްލައިގެން ތިބޭތަނެވެ. ޓެސްޓް އަގުތައްވެސް އެ ބަޔަކު ބޭނުން ހިސާބެއްގައި ގެންގުޅުމުގެ ފުރުސަތު ދީގެން ތިބޭ ތަނެވެ.

މައިމޫނާއަށް އެވޯޑެވެ. ޑރ. އަލީ ލަތީފަށް ރިވޯޑެވެ. އަހަރެމެން އާއްމު ރައްޔިތުންނަށް ހަމަ ކޮވިޑު ވޯޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް