ހައި ސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް !

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮ...

12 Jan 2021 | 17:16

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މިއީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމާފައިވާ ނިންމުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާފުޅާއެކުގައިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާނުގައިވެއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް އަކީ، ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ނެޓްވަރކެކެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައަކީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއެވެ.

މި ގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭނެއެވެ. "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް