ކުއްޖަކު ކިޔަވާހިތްވަނީ އަދި ކިޔެވުމުން ހިތް ކެނޑެނީ ޕްރައިމަރީ ފެންވަރުގައި ކުރެވޭ ތަޖުރިބާތަކުން: އެޑިއުކޭޝަން މިނިސްޓަރ

ކުއްޖަކު ކިޔަވާހިތްވަނީ  އަދި ކިޔެވުމުން ހިތް ކެނޑެނީ ޕްރައިމަރީ ފެންވަރުގައި ކުރެވޭ ތަޖުރިބާތަކުން ކަމަށް، އެޑިއުކޭޝަން މިނިސްޓަރ ޑަކްޓަރ އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައި ...

12 Jan 2021 | 12:07

ކުއްޖަކު ކިޔަވާހިތްވަނީ  އަދި ކިޔެވުމުން ހިތް ކެނޑެނީ ޕްރައިމަރީ ފެންވަރުގައި ކުރެވޭ ތަޖުރިބާތަކުން ކަމަށް، އެޑިއުކޭޝަން މިނިސްޓަރ ޑަކްޓަރ އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައި ވަނީ، އެމްއެންޔޫގެ ޚާއްސަ ސްކޮލަރޝިޕްތައް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" އެހެންކަމުން، ޤައުމެއް ރަނގަޅު ގޮތުގައި ބިނާކުރުމަށް ކުރެވޭނޭ އެންމެ މުހިއްމު ކަމަކީ، ފަށާ ތައުލީމުގެ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުން.  ފެށުން ރަނގަޅުކުރުން. " މީގެ އިތުރުން އެކަމަނާ ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފަށާ ތައުލީމުގެ ބިންގާ ހަރުދަނާ ނުކުރެވިއްޖެނަމަ ފަހުން ލިބޭ ފުރުޞަތުތަކުން އެދެވޭ މަންފާއެއް ކުދިންނަކަށް ލިބިއެއް ނުގަނެވޭ ކަމަށާއި ޕްރައިމަރީ ތަޢުލީމު މުހިއްމުވަނީ މި ދެންނެވި ސަބަބާ ހިމެނޭތީ ކަމަށް ފާހަގަ ކުރައްވާފއި ވެއެވެ.

" ޔުނިވަރސިޓީގެ މި އިސްނެގުމަށް މާނަވީ، މެޓީރިއަލް އިޖާބައެއް ދިނުމުގެ ގޮތުން، އަޅުގަނޑު ގަސްދުކުރީ ތަޢުލީމީ ފަންޑުން ޚަރަދުކޮށްގެން، ކިލާހެއް ހަމަވާނޭ ގޮތުގެ މަތިން އިތުރު 15 ސްކޮލަރޝިޕް ދިނުމަށް. އަޅުގަނޑަށް ފެންނަ ގޮތުގައި، ޤައުމުގެ މުސްތަޤްބަލްއަށްޓަކައި، މިއީ ތަޢުލީމީ ފަންޑުން ކުރެވޭނޭ އެންމެ ބޭނުންތެރި ހޭދަ. " ސްކޮލަޝިފް ގެ މުހިންމުކަން ހާމަކޮށްދެމުން ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވެއެވެ.

މުދައްރިސުންގެ ގޮތުގައި ބިދޭސީ ޓީޗަރުން ކިޔަވައިދިނުމުން، ދަރިވަރުންނަށާއި ކިޔެވުމަށް ކުރާ ނޭދެވޭ އަަސަރުގެ ބޮޑުކަމާއި، ބައެއް ފަހަރު އެފަދަ ނުރަނގަޅު އަސަރު، ކުދިންގެ މުޅި ހަޔާތަށް ކުރާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ސްކޮލަޝިޕެއްގެ ސަބަބުންވެސް ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން އުފެދިގެން ދާނެ ކަމަށެވެ.

" އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކުން ހޮވާލެވޭ 30 ކުދިންނަށް. މި ކުދިންނަށް ކިޔަވައިދޭނީ މާލޭގައި، ކުލާހަށް ހާޒިރުކޮށްގެން. އެންމެ ފެންވަރު ރަނގަޅު ޓީޗަރ އެޑިޔުކޭޓަރުންގެ ބެލުމުގެ ދަށުން." ރަނގަޅު ފެންވަރެއްގައި މި ސްކޮލަޝިޕް ގެންދާނެ ކަމުގެ ފެހި ސިގްނަލް އެކަމަނާ ދެއްވިއެވެ.

މީގެ އިތުރުން ވެސް، ކިޔަވައި ދިނުމުގެ ދާއިރާ ނޫން އެހެން ތިން ދާއިރާ އަކުން ވެސް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާނެއެވެ. "އަޅުގަނޑު ހަނދާނެއް ނުނެތޭ، މިއަދު އެހެން ތިން ދާއިރާއަކުން ޖުމުލަ 18 ސްކޮލަރޝިޕް ޔުނިވަރސިޓީއިން އިޢުލާނުކުރާކަން. އާދެ! ވައިސް ޗާންސެލަރ ވިދާޅުވިފަދައިން، ބޭރު ބޯޓުފަހަރުގެ ނެވިކަން ކިޔެވުމަށް 6 ސްކޮލަރޝިޕް، އޭސީ ތަމްރީނަށް 6 ސްކޮލަރޝިޕް އަދި ވެލްޑިންގ ދާއިރާއިން ތަމްރީންވުމަށް 6 ސްކޮލަރޝިޕް."

މި ހުޅުވާލި ފުރުސަތުގައި، މި ހުރިހާ ދާއިރާއަކީ ވެސް ޤައުމަށް ނުހަނު ބޭނުންތެރި ޚިދުމަތްތެރީން އުފދިގެން އައުމަކީ، ޤައުމަށް އޭގެ ލާބައާއި މަންފާ ކުރާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް