ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން ހައި ކޯޓުން ފަސްކޮށްފި އެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ.
ކުރިން އިސްތިއުނާފު މައްސަލައިގަ ހުކުމް ކުރުން ތާވަލު ކޮށްފައި އޮތީ މި ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސް ކުރެވިފައިވާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑު އެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް