އެވަގުތު ޒިލީ ހޭލައިފިއެވެ. ޒިލީގެ ރުއިމުގެ އަޑަށް ޒާރާއަށް ހަމަހޭވެރިކަން ވިއެވެ. ހުރިހާ ކަމެއް ހިތުން ފިލައިގެން ދިޔައެވެ. އަވަސް ފިޔަވަޅު އަޅަމުން ދަރިފުޅު ގާތަށް ދިޔައެވެ. ޒިލީ އެނދުންނަގާ މޭގައި ޖައްސާލިއެވެ. ދަރިފުޅުގެ ލޯބި މޫނުގައި ޒާރާ ބޮސްދިނެވެ. މައިވަންތަ ކަމުގެ ކުލުނާ ލޯބިން ޒާރާގެ ހިތް ފުރި އުތުރުގެންފިއެވެ. އެއީ ކިހާ ވަރުގަދަ ގުޅުމެއްހެއްޔެވެ. މަންމައަކު އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި އެއީ އެންމެ ބާރުގަދަ ލޯތްބެވެ. ޒިލީ ނިންދަވަން އޮށޯތްގޮތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާރާއަށް ވެސް ނިދިއްޖެއެވެ.
*************
ހެނދުނު ހޭލެވުނުއިރު ޒާރާގެ ބޮލުގައި ގަދަޔަށް ރިއްސައެވެ. ނިތްކުރީގައި ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. ގަޑިއަށް ބަލާލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ގަޑިން އެގާރަ ޖެހީއެވެ. އެހާލަސްވަންދެން ނިދަން އޮތުމަކީ ޒާރާގެ އާދައެއް ނޫނެވެ. އަވަސް އަވަހާ ބަލާލެވުނީ ޒިލީގެ ތަންމައްޗަށެވެ. ޒިލީ އެއް ނެތެވެ. ކުޑައެނދުގައި ބޭއްވުނީކަމަށްހީކޮށް އަވަސް ފިޔަވަޅު އަޅަމުން އެނދުކައިރިއަށް ދިޔައެވެ. އެނަދަކުވެސް ޒިލީ އެއް ނެތެވެ. އެވަގުތު ޒިލީގެ ތުއްތު އަޑުން ''އަޑު'' ލައްވާލި އަޑު ޒާރާއަށް އިވުނެވެ. ސިޓިންރޫމް ތެރެއިންނެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. މައިދައިތަ ދަރިފުޅު ގެންދިޔައީ ޒާރާ ނިދާފައޮތީމަކަން އެނގޭތީއެވެ.
ޒާރާ ބޭނުންވީ ފެންވަރާލާ ތާޒާވެލުމަށެވެ. ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ. ފާހާނާއަށް ވަދެ ފެން މާގަނޑު ދޫކޮއްލުމަށްފަހު ފެންވަރަން ފެށިއެވެ. ފިނިފިނި ފެންތިކިތައް ހަށިގަނޑުގައި ބީހިލުމުން ހީބިހި ނަގައިގެން ދިޔައެވެ. ފިނިވެގެން ހަށީގަނޑު ތުރުތުރު އަޅަންފެށިއެވެ. އެވަގުތު އިމްރާންމަތިން ޒާރާ ހަނދާންވިއެވެ. ޒާރާއަކީ އާދަޔާޚިލާފަށް ހީކަރުވާ ކުއްޖެއްކަން އިމްރާންނަށް އެނގޭތީ އެގޮތަށް ފެންވަރާލައިގެން ނިކުންނަ ކޮންމެ ފަހަރަކު ޒާރާގެ ހަށިގަނޑުގައި އިމްރާން ބައްދާލަނީ ނުހަނު ލޯބިންނެވެ. އިމްރާންގެ ހަށިގަނޑުގެ މަޑުހޫނުން ޒާރާގެ ފިނިވެފައިވާ ހަށިގަނޑަށް އަރާމު އިހްސާސްކުރުވައެވެ.
ޒާރާއަށް އިމްރާނާ ދޭތެރޭގައި ވިސްނާލެވުނެވެ. ރޭއްސުރެ އިމްރާނަށް ޒާރާ ނުގުޅައެވެ. އެއީ ކީއްވެގެން ހެއްޔެވެ. އާދިލްގެ ކަންތަކާ ހުރެ ހެއްޔެވެ. އާދިލްގެ ހަނދާންތައް އާވެގަތީއެވެގުތުއެވެ. އާދިލްއާމެދު ވިސްނުމަކީ މިހާރު ޒާރާއަށް މުހިންމު ކަމަކަށް ވެގެން ނުވާނެއެވެ. އާދިލް އަކީ މާޒީއެވެ. އިމްރާނަކީ މުސްތަގްބަލެވެ. މިހާރު ޒާރާއަށް މުހިންމު ވާނީ އިމްރާނެވެ. އިމްރާން ޒާރާ ދެކެ އިންތިހާއަށް ލޯބި ވެއެވެ. ކެއާ ކުރެއެވެ. އޯގާތެރިކަމާއެކު ޒާރާގެ ކޮންމެ އެދުމެއް ފުރިހަމަ ކޮއްދެއެވެ.
''ޒާރާ ވިސްނާލަބަލަ........... އިމްރާނަށްވުރެ އާދިލް ވަކި ގޯހީތަ........ ޒާރާއަށްޓަކައި އާދިލް ނުވަނީ ކޮން ގުރުބާނީއެއް.......... އާދިލް މީހަކާ ނީނދެ އެ އިންތިޒާރުކުރީ ޒާރާއަށް.......... އެ ހިތުގައި ޒާރާގެ މައްޗަށް އޮތް ލޯބި ޒާރާއަށް ނޭނގެނީތަ............. '' ޒާރާއަށް އޭނާގެ އަމިއްލަ ހިތުގެ އަޑު އިވުނު ކަހަލަ އެވެ.
އާދިލް އާއި އިމްރާންގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ހާސްވާންފެށިއެވެ. ދެމީހުންވެސް ޒާރާދެކެ އިންތިހާއަށް ލޯބިވާކަން އޭނާއަށް ގަބޫލުކުރެވެއެވެ. ޒާރާގެ ހިތުގައި ވިންދު ޖަހަމުންދަނީ ކާކުގެ ލޯތްބެއްކަން އޭނާއަށް އޮޅިއްޖެއެވެ. ހަމަގައިމުވެސް އިމްރާނާ ޒާރާ ކައިވެނި ކުރީ ލޯތްބަކުން ނޫނެވެ. އެއީ ހަގީގަތެކެވެ.
''ދަރިފުޅާ............ '' ލޯމަރާލައިގެން ފެން މާގަނޑު ދަށުގައި ގަނޑުވެފައި ހުރި ޒާރާއަށް ލޯހުޅުވާލެވުނީ މައިދައިތަ އޭނާއަށް ގޮވާއަޑު އިވުމުންނެވެ.
''މި ނިކުންނަނީ '' ކަމަށްބުނެ އަވަސްކޮއްލައިގެން ޒާރާ ނިކުތެވެ.
''އިސްތަށިގަނޑުން ތިއޮއް ފެންފައިބަނީނު....... ނުހިއްކާ ދޯ ތި ނިކުތީ ....... މަންމަ ގޮވާލީ ޒިލީ ބަނޑުހައިވެގެން ރޯވައްތަރު ވާންފެށުމުން........... އާދޭ....... މަންމަ ހިއްކާލަދޭނަން އިސްތަށިގަނޑު...............'' ކުޑަކުޑަ ޒިލީ އުނދޯލިއެނދަށް ލަމުން ސަރީފާ އިޝާރާތްކުރީ ޑްރެސިން ޓޭބަލް ކައިރީގައި ހުރި ގޮނޑިއަށެވެ. އެއީ ޒާރާއަށް އާ ކަމެއް ނޫނެވެ. ބަނޑުބޮޑު އިރުއްސުރެ ޒާރާގެ އިސްތަށިގަނޑު ހިއްކާދިނުމާ ފުނާ އަޅާދިނުމަކީ އޭނާގެ މައިދައިތައަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު ކުރާހިތުން ކުރާކަމެކެވެ.
''ޒިލީ ނިންދަވާލާފަ ބޯ ހިއްކާލާނީ............ މަންމަ ދެން ދޭ އަރާމުކޮއްލަން........ މާ ގިނައިރު މިއަދު މި ނިދުނީ........ މަންމަ ގޮވާލިނަމަ........'' އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން ޒާރާ ބުންޏެވެ.
''މަންމައަށް ޒިލީގެ އަޑު އިވޭތާ ގިނައިރުވެގެން ވަނީ........ ދަރިފުޅު ނިދާފަ އޮތީމަ އެމަންޖެ ނަގައިގެން ރީތިކޮއްފަ ކާންދީގެން މަންމަގެ ބަޔަށް ގޮސްއުޅެފަ ބޮޑާހާކަންފެށީމަ މިއައީ......... މަންމަ އަށް އެނގޭ މިހާރު އިމްރާން ނެތީމަ ދަރިފުޅަށް ރަނގަޅަކަށް ނުނިދޭނެކަން......... އެހެންވެ ނުގޮވީ............'' މައިދައިތަ ނުހަނު ލޯބިން އޮޅުންފިލުވާދިނެވެ. އަދި ނިކުމެގެން ދިޔައީ ނަމާދުކޮއްގެން އަންނާނެކަމަށް ބުނަމުންނެވެ. އެއީ ތެދެކެވެ. އިމްރާން ދިޔަފަހުން ޒާރާއަށް ރަނގަޅަކަށް ނުނިދެއެވެ. އެހެންނަމަވެސް ރޭގައި ޒާރާއަށް ނުނިދުނީ މުޅިން އެހެން ސަބަބަކާހުރެއެވެ.
''އިމްރާން...........'' ޒާރާއަށް އަވަސްވެ ގަނެވުނީ އޭނާގެ ފޯނު ބަލާލުމަށެވެ. އިމްރާންގެ އެތައް ކޯލެއް މިސްވެފައި ހުއްޓާފެނުމުން ޒާރާ ދެރަވިއެވެ. ވައިބާއިން އެތައްފަހަރަކު އިމްރާނު ގޮވާފައި އޮތެވެ. ޒާރާއަށް ގުޑްނައިޓް ކިޔާފައި އޮތްމެއެވެ. އަދި ގުޑްމޯނިން ކިޔާފައިވަނީވެސް ނުހަނު އިޝްގީ މެސެޖަކުންނެވެ. އެއިން އެއްވެސް ކަމެއް އިމްރާން ހަނދާނެއް ނުނެތެއެވެ. އެއިން ކަމަކަށް ފަރުވާކުޑައެއް ނުކުރެއެވެ. ލޯބިވާކަމާއި ލޯބިވާތީ މިސްވާވަރު ހާމަކޮއްދީފައި އޮތީވެސް ނުހަނު ލޯބިން އެހާ އަސަރުގަދަކޮށެވެ.
ޒާރާ އަށް މަޖުބޫރުވީ އިމްރާނާ ދޭތެރޭގައި ވިސްނާލާށެވެ. އިމްރާން އެހާ ރަނގަޅަށް ކަންތައް ކުރައިރު ޒާރާއަށް އިމްރާނާ ދޭތެރޭ ފަރުވާ ކުޑަކުރެވުނީ ކީއްވެބާވައެވެ.
އެވަގުތު ޒާރާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ.ޚިޔާލާ ފިކުރުގެ ކަނޑެއްގައި ފީނަމުންދިޔަ ޒާރާގެ އުނގުގައި އޮތް ޒިލީ އޭރު އޮތީ ނިދާފައެވެ.
ދަރިފުޅު އެނދުގައި ބޭއްވުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
''ޒާރާ............... ބަލީތަ............... ކޮބާ މަގޭ ޕުޑިންކޮޅު................. ކައިފިންތަ..................'' އިމްރާން ހުރިހާސުވާލެއް އެއްފައްޗަކަށް އަމުނާލިއެވެ.
''ޒިލީ ނިދާފަ އޮތީ.....................'' ޒާރާއަށް ޖަވާބުދެވުނީ އެންމެ ސުވާލަކަށެވެ. ދައްކާނެ ވާހަކައެއް އޭނާގެ ނެތްކަހަލަ އެވެ. އެއީ ކީއްވެކަމެއް ޒާރާއަކަށް ނޭނގުނެވެ. ކުރިން ވިއްޔާ ޒާރާ ހުންނަނީ އިމްރާނު ނުގުޅައިގެންނެވެ. އަބަދުވެސް އިމްރާން ގާތުގައި ބުނަންވެފައި ބައިވަރު އެއްޗިހި ހުރެއެވެ.
''ޒާރާ.............. ކިހިނެތްވަފަ ތިހިރީ........... ބަލީތަ............'' ޒާރާއަށް އައިސްފައިވާ ބަދަލު އިމްރާނަށް ފާހަގަކުރެވުނެވެ. އިމްރާން ކަންބޮޑުވިއެވެ.
''ބޮލުގަ ރިއްސާތީ..............'' ޒާރާގެ ޖަވާތުތައް ކުރެވެ.
''ޑޮކްޓަރަށް ދައްކަންވީނު................ މަންމަ އާއެކު ދޭ ދައްކާލަން.......... ނޫނީ ފަހުދުގާތު ބުނެގެން ގެޔަށް ޑޮކްޓަރަކު ގެނެސްދެންތަ............'' އެވަގުތަށް އެންމެ ރަނގަޅުކަމަށް އިމްރާނަށް ފެނުނުގޮތް ޒާރާއަށް ހުށައެޅިއެވެ. އަދި މަޑުކޮއްލާށޭބުނެ ފަހުދުއަތަށް ފޯނު ދިނެވެ. ޒާރާގެ ބޮލުގައި ރިއްސަނީ ކަމަށް ފަހުދުގާތުގައި ބުނި އަޑު އެވަގުތު ޒާރާއަށް އިވުނެވެ.
''ފަހަރީ............... ތެދެއްތަ.......... ބޮލުގަވެސް ރިއްސާނެ ދޯ........... އިއްމަވެސް ކިހާދުވަހެއް ދޯ ދުރުގަ ހުންނަތާ............. '' ފަހުދަށް އެއްވެސް ކަމަކީ ސީރިއަސް ކަމެއް ނޫންކަހަލައެވެ. ފޯނު ހިފައިގެން ފަހުދު ނިކުތީ އެމީހުންތިބި ރޫމުގެ ބެލްކަންޏަށެވެ. އޭނާ ބޭނުންވީ ހިތްފުރެންދެން ޒާރާއާ ވާހަކަދައްކާލާށެވެ. ޒާރާ ނުދައްކާނެކަން އެނގޭއިރުވެސް ފުރުސަތު ނަގާލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
''ވަރަށް މިސްވޭ އިނގޭ ފަހަރިމަތިން.............. އިއްމަ މިކޮޅުގަ ބަހައްޓާފަ ދާންވީ ދޯ............. ފަހަރި މިހާރު ހުންނާނީ ވަރަށް އެކަނިވެފަ އެއްނު............. ވާހަކަދައްކަބަލަ........... އިއްމަ ކައިރިއަކު ނޫނޭ މިހާރު މިހިރީ...........'' ފަހުދު ފޯނުގެ ސްޕީކަރާ އަނގަ ކައިރިކޮއްލަމުން ވައިއަޑުން ބުންޏެވެ.
''ފަހުދާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތް............ ބާއްވަނީ............'' ޒާރާގެ މޫޑު އިތުރަށް ގޯސްވީ ފަހުދު ވާހަކަ ފެށި ގޮތުންނެވެ.
''ފޯނު ނުބާއްވާތި......... ބާއްވައިފިއްޔާ ހުރިހާ ވާހަކައެއް އިއްމަ އަށް ކިޔާދޭނަން..............'' ފަހުދު ދިނީ އިންޒާރެކެވެ.
...........................................
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ 14 ޖަނަވަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް