ލޯކަލް ކައުންސިލް އިންތިޚާބަށް ހައްލު ހޯދުމަށް ބާއްވާ މަޖިލިސް ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ރޭ 08:30 ގަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބުގެ ޚާއްސަ ގާނޫނު އިސްލާހުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގައިވެސް ގިނަ މަޝްވަރާތަކެއް މިކަމަށް ކޮށްފައިވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ކަންބޮޑުވުންތަކެއް މި އިސްލާހާ މެދު އޮތް ނަމަ، ކޮމެޓީ މަރުހަލާއަށް ދިޔުމުގެ ކުރިން އެކަމާވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، އިންތިޚާބު ބޭއްވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގައިވާގޮތުން އިންތިޚާބު ބޭއްވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުން ނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިޚާބު ބާއްވަން ޖެހޭއިރު، އެ މުއްދަތު މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ އަވަހަށް ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުލަފާކޮށްފައިވަީި އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އެވެ.
އެހެންނަމަވެސް އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައިވެސް އިންތިޚާބު ބޭއްވޭނީ ވަކި ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އެގޮތުން އިންތިޚާބު ބޭއްވޭނެކަން ކޮމިޝަނަށް އިއުލާން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން އެޗްޕީއޭއިން އިއުލާން ކުރުމުންކަމުން ފުރަތަމަ ކަމަކަށް އެ މާއްދާއަށް އިސްލާހު ގެންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް