އުކުޅަހު ބަނދަރުމަތީ ހުރި ގަހެއް ވަޔާ ހެލެނީ !

މިދިޔަ ބުދަ ދުވަހު، ދުވަސްގެ ނިއުސް ރޫމަށް އައި ކޯލަކަށް ޖަވާބުދިން އިރު، އެކޮޅުން ވާހަކަދެއްކި މީހާ ބުނީ ގުޅައިލީ ހަބަރެއް ދޭން ކަމަށެވެ. އަދި އެ ހަބަރަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ ބަނދަރުމަތީގައި ...

12 Jan 2021 | 06:47

މިދިޔަ ބުދަ ދުވަހު، ދުވަސްގެ ނިއުސް ރޫމަށް އައި ކޯލަކަށް ޖަވާބުދިން އިރު، އެކޮޅުން ވާހަކަދެއްކި މީހާ ބުނީ ގުޅައިލީ ހަބަރެއް ދޭން ކަމަށެވެ. އަދި އެ ހަބަރަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ ބަނދަރުމަތީގައި ހުރި ގަހެއް ވަޔާ ހެލޭތީ، އެ ހަބަރު ނޫހުގައި ޖަހައިދިނުމަށް އެދޭ ކަމަށެވެ.

ސަމާސައެއްކަން އެނގޭތީ އަހަރެންވެސް ސަމާސައަކަށް ހަދައި ފުރަތަމަ ބުނީ ނޫހުގެ ނޫސްވެރިއަކު ގުޅާލާ އެ ހަބަރަށް ބޭނުންވާ އިތުރު ތަފްސީލު ހޯދުމަށްފަހު އެ ހަބަރު ލިޔެލަދޭނެ ކަމަށެވެ. ނަމަވެސް ގަބޫލުކުރެވުނު ގޮތުގައި ކިޔުންތެރިއަކު އެ ގުޅާލީ ކަންބޮޑުވުމެއް ހިއްސާ ކޮށްލާށެވެ. އެއީ މިހާރަކަށް އައިސް ފެންނަ ސުރުހީތައް ކަމު ނުދާތީ އެކަމާ އެ ކިޔުންތެރިޔާގެ އޮތް ކަންބޮޑުވުން ފާޅުކުރުމަށެވެ.

އިތުރަށް ވާހަކަ ދައްކާލުމުން އެނގުނީ އެ ކިޔުންތެރިޔާ ހިތްހަމަ ނުޖެހުނީ އޭގެ އެއް ދުވަސް ކުރިން "ކާޅެއް ކޯކު ބޯ ވީޑިއޯއެއް އާންމުވެއްޖެ" މި ސުރުހީގެ ދަށުން ދުވަހުގައި ލިޔެ ޝާއިޢުކުރި ލިޔުމަކާމެދުގައެވެ.

"ހަބަރު ޖަހާއިރުގަ، ހަބަރު ހަބަރަކަށް ވާންޖެހޭނެ، ހަބަރު ހަބަރަކަށް ވަނީ އެހެން މީހުންނަށް ނޭނގޭ އެއްޗެއް އަނެއް ބަޔަކަށް ފޯރުކޮށްދިނުން ހަބަރަކަށް މި ވަނީ" އޭނާގެ ކަންބޮޑުވުން އިތުރަށް ކިޔާދިނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހަމަ މިފަދަ މައުލޫއެއްގައި، ސޯޝަލް މީޑިއާގައި މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރ އަދި ކޮމީޑިއަން ކާއްޓޭ ޑެ ވާންޗޯވެސް ވީޑިއޯއެއް ދޫކޮށްލާފައިވެއެވެ.

"މާށާ ކޮށްބަލަ ސުވާލެއް..ބާރަ އަހަރު މިވީ މީހަކު އެއްޗެއް އަހާނުލާތާ" މި މައުލޫގައި އޭނާ ދޫކޮއްލާފައިވާ ވީޑިއޯގައި ވާހަކަ ދައްކާފައިވަނީ މިހާރަކަށް އައިސް ނޫސްތަކުގައި އަރާ ސުރުހީތަކާއި ބެހޭގޮތުންނެވެ.

"އިރާގުގެ ބިޔަ ހަނގުރާމަވެރިޔަކު ފެނާ ނުލާ ރަންބުސްތާނު ކިލޯ އެއް ދިރުވާލައިފީ!" "ސިމެންތި މެޝިނެއްގައި މުންޑު ތާށިވި ދިވެހި ފިރިހެނަކަށް ސައުދީގެ ފަރާތުން ޔޮޓެއް ދީފި" ކާއްޓޭ ބުނެފައިވަނީ މިއީ އޭރުގެ ސުރުހީތައް ކަމަށެވެ. ސާފުވެފައި ސީދާ ބުނާއެއްޗެއް އެނގޭ ކަމަށެވެ. ނަމަވެސް މިހާރު ކޮންމެ ސުރުހީއެއްގެ ފަހަތަށް ބާލިޣުވެފައިވާ ބޮޑު ސުވާލުމާކެއް ލާފައި އޮންނަ އޮތުން ކާއްޓޭ ސިފަކުރަނީ ޓެސްޓު ޕޭޕަރެއްގެ ގޮތުގައެވެ.

ހަގީގަތަކީ ނޫހެއްގައި ލިޔެ އުޅެނީކީ ހަމަ އެކަނި ހަބަރު ނޫންކަމަށް ވުމެވެ. ހަބަރުވެސް ލިޔާނެއެވެ. ރިޕޯޓާއި ކޮލަމްވެސް ލިޔެ އުޅެއެވެ. ހަމަ އެފަދައިން ލަވައާއި ޅެމުގެ އިތުރުން ރެސިޕީ ތަކާއި ޖޯކުވެސް ނޫސްތަކަށް އަރައެވެ. އަރާހާ ކޮންމެ ލިޔުމަކީ އަދި ހަބަރަކަށް ނުވެއެވެ. އަދި ހަބަރުގެ ތެރޭގައި ގިނަ ވައްތަރުތަކެއްގެ ހަބަރު ހުރެއެވެ. އެކި އެކި ބީޓްތަކުގެ ހަބަރުތައް ހުރެއެވެ.

އަޅުގަނޑުމެންނަށް ގުޅި ކިޔުންތެރިޔާ ކަންބޮޑުވުން ފާޅުކުރި ލިޔުމާއި އަދި ކާއްޓޭގެ ކަންބޮޑުވުން ފާޅުކޮށްފައި އެވާ ލިޔުންތަކަކީވެސް ހަބަރުގެ ވަކި ބީޓަކަށް ނިސްބަތްވާ ހަބަރެކެވެ. އެއީ އޮފް-ބީޓް ނުވަތަ މިހާރު ދިވެހި ނޫސްތަކުން ގެނެސްދޭގޮތުން ނަމަ ލުއި ސަފްހާއަށް ނިސްބަތްވާ ހަބަރުތަކެވެ.

މި ފަހަކާއި ހަމައަށް އޮފް-ބީޓް ނުވަތަ ލުއި ސަފްހާގެ ހަބަރުތައް ދިވެހި ނޫސްތަކަށް އެރުން އޮތީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ. ނަމަވެސް މިހާރު މި ޒާތުގެ ހަބަރު ލިޔުމުގައި ވަކި ނޫހެއް އިސްތިސްނާ ނުވެ ހުރިހާ ނޫހެއްގައިވެސް މި ޒާތުގެ ހަބަރުތައް ލިޔެ ޝާއިޢު ކުރެއެވެ. އެއް ބޭނުމަކީ ކިޔުންތެރިންނަށް ރަހަ ތަފާތު ލިޔުންތަކެއް ގެނެސްދިނުމެވެ.

ދެން އޮތީ އޮފް ބީޓްގެ ދިމާ އިދިކޮޅެވެ. އެއީ ޔެލޯ ޖާނަލިމް، ކްލިކް ބެއިޓިން ނުވަތަ ގަސްތުގައި ކިޔުންތެރިންނަށް އޮޅުވާލުމުގެ ލިޔުންތަކެވެ. މިސާލަކަށް ސުރުހީގައި "ސިފައިންގެ ޔުނީފޯމު ސްކާޓާއި ޓޮޕަށް ބަދަލުކޮށްފި" ސުރުހީގައި ލިޔެފައިވާ އެއީ ސްކޮޓްލެންޑްގައި ކުރާ ކަމެއްކަން ހަބަރު ކިޔައިގެން ނޫނީ ނޭނގެންޏާ އެއީ އޮޅުވާލުމެކެވެ. އެފަދަ ލިޔުންތަކަކީ ޔެލޯ ޖާނަޒިމާއި ކްލިކް ބެއިޓިން އަށް ފެތޭ ޒާތުގެ ލިޔުންތަކެވެ. އެފަދަ ލިޔުންތައްވެސް މަދުން ނަމަވެސް ފެންނަމުން ދެއެވެ.

ކޮންމެއަކަސް މިހާރަކަށް އައިސް ގިނަ ނޫސްތަކަކުން، މިފަދަ ސުވާލުތަކާއި ތަފާތު ސުރުހީތައް ފެންނަމުންދެއެވެ. އަދި ކިޔުންތެރިންވެސް ހަމަ އެއްޗެހި ގޮވަ ގޮވާފައި އެތަކެތި ޝެއާ ކުރަމުންދެއެވެ. އެކުވެރިން ޓެގްކޮށް މަޖާ ނަގާ މީހުންވެސް މަދެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް