ޤާނޫނު ނަންބަރު 17/2010، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަަށް 16 ޑިސެމްބަރ 2014 ގައި ގެނެވުނު ފުރަތަމަ އިޞްލާޙަށްފަހު އެއިޞްލާޙުގައި ބުނާފަދައިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަ ހުށަހެޅުނުތާ 6 ދުވަސްތެރޭގައި، އެމައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދުގެ ވަގުތެއްގައި ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ ޖެނުއަރީ 7 ވަނަ ދުވަހު ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމު ކޮށްލި މައްސަލައިގެ ތަޙުޤީޤު ނިންމައި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2015 ޖެނުއަރީ 10 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ދަޢުވާ ކުރަން ފޮނުވާފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށާއި މި މައްސަލައާ ގުޅިގެން ދަޢުވާ ކުރަން ފޮނުވާފައިވާ މީހަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް، އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މި މައްސަލާގައި ދަޢުވާ ކުރަން ފޮނުވާފައިވާ މީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އެއީ 2015 ޖެނުއަރީ 7 ވަނަ ދުވަހު ހިނގި މާރާމާރީއާ ގުޅިގެން ބަންދުގެ މުއްދަތު ހޯދުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް 2015 ޖެނުއަރީ 8 ވަނަ ދުވަހު ދީފައިވާ 5 ދުވަހުގެ ބަންދުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ޤާނޫނު ނަންބަރު 17/2010، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް 16 ޑިސެމްބަރ 2014 ގައި ގެނެވުނު ފުރަތަމަ އިޞްލާޙުގައި ބުނާގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 ދުވަސްތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް