ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ މައާފް ކުރަން ރައީސް ނިންމަވައިފި

އަންނަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، މަސައްކަތުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު، ދެ މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ވާނަމަ އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެށްޓުމަށ...

12 Jan 2015 | 01:48

އަންނަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، މަސައްކަތުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު، ދެ މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ވާނަމަ އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެށްޓުމަށާއި، މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެއްޗާއި ހާއްސަ ހާލަތްތަކެއްގައި އިމްޕޯޓްކުރެވޭ ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ މަޢާފުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

ރައީސް އޮފީހުން އެކުލަވާލައި އާންމުކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެށްޓުމަށާއި، މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީގެ %100 މަޢާފުކުރެވޭނެ ކަމަށެވެ.

އެގޮތުން ޑިއުޓީ މައާފު ކުރެވޭނީ އިމްޕޯޓް މަދުކޮށް، އެކްސްޕޯޓް އިތުރުވާނެކަމަށް ބެލެވޭ ވިޔަފާރިއާއި ނެތް ޓެކްނޯލޮޖީއެއް ޢާންމުކުރުމަށް ހިންގޭ ވިޔަފާރިއާއި އިޤްތިޞާދީ މައިގަނޑު މަސައްކަތްތައް ފުޅާކޮށް، ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން ފަހިކޮށްދޭ ވިޔަފާރިއާއި ބޭރުފައިސާ އިތުރުކޮށްދޭ ވިޔަފާރިއާއި ޢާންމުކޮށް ނުކުރާ އިޤްތިޞާދީ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައިކުރުމަށް ހިންގޭ އިޤްތިޞާދީ މަސައްކަތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ އިޤްތިޞާދީ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މުޅިން އަލަށް ފަށްޓާ މަސައްކަތްތަކާއި، މި ޞިނާޢަތުގައި ޤާއިމުކުރެވިފައިހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން، އިންވެސްޓްމަންޓުގެ އޮރިޖިނަލް އަގުގެ %25 އަށްވުރެ ބޮޑު ޚަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރއާއި މަރާމާތުގެ މަސައްކަތްތަކަށް ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަދި އަލަށް ފަށާ އިޤްތިޞާދީ މަސައްކަތެއްނަމަ، އެ މަސައްކަތްތަކަށް ގެނެވޭ ތަކެއްޗަށް އިންވެސްޓްމަންޓް ޤާއިމުކުރެވެންދެން ނުވަތަ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޑިއުޓީ މަޢާފުކުރެވޭނެ ކަމަށާއި ފަށާފައިވާ ނުވަތަ ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތަކުން ދެ މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 3 އަހަރު ދުވަހުގެ، 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ،ގިނަވެގެން 5 އަހަރު ދުވަހުގެ، 50 މިލިއަން ޑޮލަރާއި 75 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ،ގިނަވެގެން 7 އަހަރު ދުވަހުގެ، 75 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 10 އަހަރު ދުވަހުގެ، އަދި އިންވެސްޓްމަންޓުގެ އަގު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުނަމަ، ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށް ގެންނަ މުދަލުން ޑިއުޓީ މައާފު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގައި އިތުރަށް ބުނެފައިވަނީ ހާއްސަ ހާލަތްތައް ކަމަށްވާ ރޯގާ ބަލިމަޑުކަމެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ނުވަތަ ރަށެއްގެ ރައްޔިތުންގެ ގިނަބަޔަކަށް ފަރުވާ ދޭންޖެހިގެން ގެނެވޭ ތަކެތިންނާއި ރައްޔިތުންނަށް ލިބިދޭންޖެހޭ ތަޢުލީމު، ޞިއްޙަތު، ކަރަންޓް، ފެން، ނަރުދަމާފަދަ އަސާސީ ޚިދްމަތެއް ފޯރުކޮށްނުދެވުމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންގެ ނުވަތަ ރަށެއްގެ ރައްޔިތުންގެ ގިނަބައެއްގެ ޢާންމު ދިރިއުޅުމަށް ނުވަތަ ކެއިން ބުއިމަށް، ނޭދެވޭ އަސަރެއްކުރާފަދަ ޙާލަތެއް މެދުވެރިވުމުން އެކަން ޙައްލުކުރަންޖެހިގެން ގެނެވޭ ތަކެތިންނާއި ރައްޔިތުންނަށް ލިބެމުންއައި، އަސާސީ ޚިދުމަތެއް މެދުކެނޑުމުގެ ސަބަބުން، ނުވަތަ ކުރިން ލިބެމުންއައި ފެންވަރުގައި ނުވަތަ މިންވަރުގައި ނުލިބުމުގެ ސަބަބުން، ރައްޔިތުންނަށް އެކަމުގެ ދަތިކަން ތަޙައްމަލުކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެގެން ގެނެވޭ ތަކެތިންނާއި ޤުދުރަތީ ހާދިސާ ނުވަތަ ކާރިސާއެއްގެ ސަބަބުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނުވަތަ ރަށެއްގެ ރައްޔިތުންގެ ގިނަބައެއްގެ ދިރިއުޅުމަށް ދަތިވާފަދަ ޙާލަތެއް މެދުވެރިވެގެން ގެނެވޭ ތަކެތިން 100 އިންސައްތަ ޑިއުޓީ މާފް ކުރެވޭ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އިޖުތިމާޢީ އަދި ޢުމުރާނީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ހިންގޭ މަޝްރޫޢުތަކުގެ ތެރެއިން، ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ގެނެވޭ ތަކެތިންނާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އިޖުތިމާޢީ އަދި ޢުމުރާނީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ހިންގޭ މަޝްރޫޢުތަކުގެ ތެރެއިން، ޑިއުޓީ މަޢާފުކޮށްދޭގޮތަށް ބަޔާންކޮށް އެގްރީމަންޓްކޮށްގެން ހިންގާ މަޝްރޫޢުތަކަށް، އެގްރީމަންޓުގެ މުއްދަތުގެ ތެރޭގައި އިމްޕޯޓްކުރެވޭ ތަކެތީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ހިލޭ އެހީއާއި ހަދިޔާގެގޮތުގައި ލިބޭ ތަކެތިންވެސް 100 އިންސައްތަ ޑިއުޓީ މައާފު ކުރަން ރައީސް ނިންމަވާފައިވާކަމަށެވެ.

އަދި މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ ފެބްރުއަރީ އެކަކުން ފެށިގެން ކަމަށާއި މި އުސޫލުގެ ދަށުން ވަކި ވަކި ތަކެއްޗަށް ޑިއުޓީ މައާފު ކުރެވޭނީ ކޮންމެ އެއްޗަކަށް ޑިއުޓީ މައާފު ކުރުމަށް ވަކިން ފޯމު ހުށަހެޅުމުން ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް