މިފަހަރު ވޯލްޑްކަޕްގައި ބޭނުންވީ އަމިއްލަ ކުރިއެރުން ނޫން ކަމަށް ރޮނާލްޑޯ ބުނެފި

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި ބޭނުންވީ އަމިއްލަ ކުރިއެރުން ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ބު...

11 Dec 2022 | 17:50

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި ބޭނުންވީ އަމިއްލަ ކުރިއެރުން ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ކުއާޓާ ފައިނަލްގައި މޮރޮކޯ އާއި ވާދަކޮށް 1-0 ން ބަލިވެ ޕޯޗުގަލް ރޭ ވަނީ މުބާރާތުން ކަޓާފައި އެވެ. ޓީމު ބަލިވުމުން ދަނޑުން ފައިބައިގެން ރޮނާލްޑޯ ދިޔައީ ރޮމުންނެވެ.

ރޭގެ މެޗުގައި ފަހު ހާފްގައި ކުޅެން އެރި ރޮނާލްޑޯ ފަރާތުން އުންމީދު ކުރިވަރުގެ ހަމަލާތަކެއް ފެނިފައިނުވާއިރު އެ ޓީމުން އެއް މެޗުން އަނެއް މެޗުގައި ރޮނާލްޑޯ ބާކީ ކުރިކަމަށްވެސް އެތައް ބަޔަކު ތުހުމަތު ކުރި އެވެ. އެގޮތުން ދެވަނަ ބުރުގެ މެޗުގައި ޕޯޗުގަލް އާއި ސްވިޒަލެންޑު ބައްދަލު ކުރި މެޗަށް އޭނާ އެރުވީ ފަހުވަގުތު އެވެ.

މމުބާރާތުން ކެޓުމުން ރޮނާލްޑޯ ހިތާމަ ކުރާކަން ހާމަކޮށް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ކެރިއަރުގައި އެންމެ ބޭނުންވި ކަންތައް ކަމަށެވެ. އޭނާގެ އެންމެ ފަހު ވޯލްޑްކަޕަށް ވުމުން މި މުބާރާތުގައި އެންމެ ބޭނުންވީ ގައުމަށް ތަށި ހޯދައިދޭން ކަމަށް ބުނެފައިވެ އެވެ.

ރޮނާލްޑޯ ބުނީ އޭނާއަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅެގެން އެތައް ތަށްޓެއް ލިބިފައި އެބަހުރި ކަމަށެވެ. އެކަމަކު މި މުބާރާތުގައި ދެކުނު ހުވަފެނަކީ ޕޯޗުގަލްގެ ނަން ވޯލްޑް ކަޕްގެ ތަށީގައި ލިޔެލުން ކަމަށެވެ.

އެ އަމާޒަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރިކަމަށްވެސް އޭނާ ބުނެފައިވެ އެވެ. އެގޮތުން ފަސް ވޯލްޑްކަޕް މުބާރާތުގައި ހޭދަވި 16 އަހަރު ގޯލު ޖަހާފައިވާނެ ކަމަށް ބުންޏެވެ. އަދި ބުނީ އޭނާގެ ވަށައިގެން ތިބީ ޕޯޗުގަލްގެ މޮޅެތި ކުޅުންތެރިންގެ އިތުރުން ޕޯޗުގަލްގެ އެތައް މިލިއަން ބަޔަކު ކަމަށެވެ. އެހެންވެ އެ މަގާމު ހޯދަން ބުރަކޮށް މަސައްކަތް ކުރި ކަމަށް ބުންޏެވެ.

އޭނާ ބުނީ ދެކޮޅު ކޮންމެ ވާހަކައެއް ދެއްކިޔަސް ގައުމަށް އޮތް ލޯބި ފަނޑުނުވާނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި އޭނާއަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ގާނާ ކޮޅަށް ޖެހި ޕެނަލްޓީ އެކެވެ.

މީގެ ކުރީގެ މުބާރާތްތަކަށް ބަލާއިރު ފަސް ވޯލްޑް ކަޕްގައި ކުޅުނު 22 މެޗުގައި ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައި ދެ ގޯލު ޖަހަން މަގުފަހި ކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް