"ވަން ޗައިނާ ސިޔާސަތު" ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ސަރުކާރުން ދީފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު...

11 Dec 2022 | 15:41

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޞިއްޙީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވައި، "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އަނެއްކާވެސް ދެއްވާފައި އެވެ. ހަމައެހެންމެ، ސަލާމަތާ ޞުލްޙަމަސަލަސްކަންފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިން ވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ތަޢުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްޤީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ޗައިނާ ސަފީރާއި ނައިބު ރައީސް ބޭއްވެވި ބައްދަލުވުމުގައިވެސް "ވަން ޗައިނާ ޕޮލިސީ" އަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ނަިއބު ރައީސް ދެއްވާފައިވެ އެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 14 އޮކްޓޫބަރ 1974ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް