ސިނަމާލޭ ބްރިޖު މަތިން ފުންމާލަން އުޅުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި އެވެ.
މި ހާދިސާ ހިނގީ މިރޭ 6:42 ހާއިރު އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގައި ސަލާމަތް ކުރީ 18 އަހަރުން ދަށުގެ އަންހެން ކުއްޖެއް ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ފުއްމާލަން އުޅެނިކޮށް ހުއްޓުވައި ސަލާމަތް ކުރީ އާންމުންނާއި ފުލުހުން ގުޅިގެން ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ހަވާލުކޮށްފައި ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.
މީގެ ކުރިން ސިނަމާލެ ބްރިޖު މަތިން ފުންމާލުމުގެ ހާދިސާއެއް ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ޖޫންގައި އެވެ. އެ ފަހަރު ބްރިޖު މަތިން ފުންމާލީ އިންޑިއާ މީހެކެވެ.
31 އަހަރުގެ އެމީހާ ކަނޑުން ނެގީ ފުލުހުންގެ ލޯންޗަކުންނެވެ. އަދި އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް