ނޮވެމްބަރު: 170 ކައިވެނި 119 ވަރި، ކޯޓުން ބޭރުގައި ކުރާ ވަރިއާއި ވަރިވާން ހުށަހެޅި އަދަދު ގިނަ

ފެމިލީ ކޯޓުގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް އެ ކޯޓުން މިއަދު އާންމުކޮށްފިއެވެ. އާންމުކޮށްފައިވާ އެ މައުލޫމާތުތަކުން ފާހަގަވާ އެއް ކަމަކީ ކޯޓުން ބޭރުގައި ކުރާ ވަރިއާއި އަމިއްލައަށް ވަރިވާން ހުށަހ...

11 Dec 2022 | 10:01

ފެމިލީ ކޯޓުގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް އެ ކޯޓުން މިއަދު އާންމުކޮށްފިއެވެ.

އާންމުކޮށްފައިވާ އެ މައުލޫމާތުތަކުން ފާހަގަވާ އެއް ކަމަކީ ކޯޓުން ބޭރުގައި ކުރާ ވަރިއާއި އަމިއްލައަށް ވަރިވާން ހުށަހެޅި އަދަދު ކޯޓުމެދުވެރިކޮށް ވަރިކުރުމަށް ހުށަލަޅާފައިވާ މައްސަލަތަކަށްވުރެ ބޮޑުތަނުން ގިނަކަމެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުގައި ބުނެފައިވާގޮތުގައި ނޮވެމްބަރު މަހު 170 ކައިވެންޏެއް ކޮށްދީފައިވާއިރު ވަރިކޮށްފައިވާ އަދަދު އުޅެނީ 119ގައެވެ.

ވަރީގެ މައްސަލަތަކުގެ ތަފްސީލަށް ބަލާލާއިރު ވަރި ސާބިތުކުރުމަށް 70 މައްސަލައެއް ހުށަހަޅާފައިވާއިރު ވަރިވުމަށް 61 މައްސަލައެއް ހުށަހަޅާފައިވެއެވެ. ވަރިކުރުމަށް ހުށަހަޅާފައިވަނީ 26 މައްސަލައެކެވެ.

މީގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާލާއިރު ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ އަމުރު/ސުޕަވިޒަން އަމުރަށް އެދި ތިން މައްސަލައެއް ހުށަހަޅާފައިވާއިރު ނަސަބު ސާބިތު ކުރުމުގެ ދެ މައްސަލައެއް، ދަރިއަކު ބަލާ ބޮޑުކުރުން އެހެން މީހަކާ ހަވާލުކުރުމުގެ ތިން މައްސަލައެއް، ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ ދެ މައްސަލައެއް އަދި ޙަޟާނަތުގެ ފަސް މައްސަލައެއް ނޮވެމްބަރުގައި ހުށަހަޅާފައިވެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު އަނބިމީހާއަށް ހަރަދު ނުދިނުމުގެ ދެ މައްސަލައެއް، ސާބިތު ހަރަދުގެ ހަތަރު މައްސަލައެއް، ދަރިންގެ ހަރަދު ކެނޑުމުގެ ދެ މައްސަލައެއް، ދަރިންގެ ހަރަދުގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވެއެވެ.

ފެމިލީ ކޯޓުގެ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާލާއިރު ޖުމްލަ 211 މައްސަލައެއް ނިންމާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް