މިނިސްޓަރު ނަހުލާ ބުރުގާ ނާޅާ ހުރެ ނެގިކަމަށް ބުނާ ފޮޓޯއަކީ އަސްލެއް ނޫންކަމަށް އުފެދޭ ސުވާލު !؟

ޓްވިޓާގައި މިހާރު އެންމެ ވަރުގަދަ އެއް އަޑުކަމުގައިވާ ހަސަން ކުރުސީ އޭނާގެ ޓްވިޓާ ހޭންޑަލުން އިއްޔެގެ ވަގުތެއްގައި މިނިސްޓަރު ނަހުލާ ކަމަށްބުނާ ފޮޓޯއެއް ޓްވިޓާއަށް ދޫކޮށްލުމާއެކު މި ފޮޓޯ މިވަނީ ހޫނު ބ...

11 Dec 2022 | 09:21

ޓްވިޓާގައި މިހާރު އެންމެ ވަރުގަދަ އެއް އަޑުކަމުގައިވާ ހަސަން ކުރުސީ އޭނާގެ ޓްވިޓާ ހޭންޑަލުން އިއްޔެގެ ވަގުތެއްގައި މިނިސްޓަރު ނަހުލާ ކަމަށްބުނާ ފޮޓޯއެއް ޓްވިޓާއަށް ދޫކޮށްލުމާއެކު މި ފޮޓޯ މިވަނީ ހޫނު ބަހުސަކަށް ވެފައެވެ.

އެއީ އަސްލެއްކަމަށް ބަލައި ބައެއް މީޑިއާތަކުންވެސް މިވާހަކަ ލިޔެ ޝާއިޢުކޮށްފައިވާއިރު ނަހުލާއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ އެއީ އަސްލެއް ނޫންކަމަށެވެ. މި ޒަމާނުގައި އެގޮތަށް ފޮޓޯއެއް ހަދާލުމަކީ އެއްވެސް ކަމެއް ނޫންކަމަށެވެ.

ހަމަ މި ޒަމާނުގައި ފޮޓޯއަކީ އެއްވެސް ސިފައެއްގައި މެނިޕުލޭޓްކޮށްފައިވާ ފޮޓޯއެއްތޯ ބެލޭނެ ގޮތްތަކެއްވެސް އެބަ ހުރެއެވެ. މިކަމަށް އޮތް ތިން ވަސީލަތަކާއި އެ ވަސީލަތްތަކުގެ ނަތީޖާއަށް ބަލައިލަމާ ހިނގާށެވެ.

1 އިމޭޖް އެޑިޓެޑް (ޑޮޓް) ކޮމް

މި ވަސީލަތުން ބުނަނީ އެއީ އެޑިޓެއްކަމަށް ބުނެދޭނެ އެއްވެސް ކަމެއް އެ ވަސީލަތަށް ފެނިފައިނުވާކަމަށެވެ. އެހެންނަމަވެސް ޒަމާނީ ފޮޓޯ އެޑިޓަރަކުން ކަވި މަސައްކަތެއް ކޮށްގެން އެފަދަ ޓްރެކްތައް ދުއްވައިލުމަކީވެސް ކުރެވިދާނެކަމެއްކަންވެސް އެ ވަސީލަތުން ބުނެއެވެ.

2 ފޭކް އިމޭޖް ޑިޓެކްޓާ (ޑޮޓް) ކޮމް

ފޭކް އިމޭޖް ޑިޓެކްޓާ އިން މި ފޮޓޯއަށް ދެނީ ވަރަށް ކުރު ޖަވާބެކެވެ. އެއީ މިއީ އެޑިޓެއްކަމަށް ބުނާނެ، ސޮފްޓްވެއާއެއްގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށެވެ.

3 ފޮޓޯ ފޮރެންސިކްސް

މިހާރު އާއްމު ކޮންމެ މީހަކުވެސް ފޮޓޯއެއްގެ އަސްލު ބަލައިލަން ބޭނުންކުރާނެ އެއް ވަސީލަތަކީ ފޮޓޯ ފޮރެންސިކްސް އެވެ. ފޮޓޯ ފޮރެންސިކްސް އާއި ހަވާލާދީ ބައެއް ދިވެހިން މި ފޮޓޯއާއިމެދު ވާހަކަވެސް ދައްކާފައި އެބަ ހުއްޓެވެ. އެ ފަރާތްތަކުން ބުނަނީ މިއީ އަސްލެއް ނޫންކަމަށް ފޮޓޯ ފޮރެންސިކްސް އިން ސާފު ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވީ ކަމަކީ ފޮޓޯ ފޮރެންސިކްސްގެ (ELA) އެރަރ ލެވެލް އެނަލައިސިސް މެތަޑުން ބަލައިގެން ޕިކްސެލް ކޮމްޕްރެޝަން ލެވެލްގެ ނަހަމަކަމެއް ފާހަގަވެފައި ނުވާކަމެވެ.

ނަހުލާގެ އަނގޮޓި އާއި ފޯނު

އެ ތިން ވަސީލަތުން ފާހަގަނުވި ނަމަވެސް ނަހުލާގެ އަނގޮޓި އަދި ފޯނުގެ ވާހަކައިން ބުރަކަން ލިބެނީ މި ފޮޓޯއަކީ އަސްލަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދިޔަރެސް ނޫހުގައި ފާހަގަކޮށްފައިވާގޮތުގައި މި ފޮޓޯއަކީ މިއަހަރުގެ އޮކްޓޯބަރު މަހު ކެނެޑާގެ މޮންޓްރިއޭލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ 41 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެނެޑާއަށް ކުރެއްވި ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އެ ދަތުރުގެ އިތުރު ފޮޓޯތަކުންވެސް ނަހުލާގެ ވައަތުގެ ކަށި އިނގިލީގައި އަޅާފައި އޮންނަ ކަޅު ކުލަ ހިމެނޭ އަނގޮޓި ފެނެއެވެ. އެ އަނގޮޓި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ނަހުލާގެ ގިނަ ފޮޓޯތަކުންވެސް ފެންނަން ހުރެއެވެ. ނަމަވެސް ބުރުގާ ނާޅާ ފޮޓޯގައި ދެން އެ ފެންނަ އަނގޮޓި އެ ދަތުރުގެވެސް އަދި އޭގެ ކުރީގެ ފޮޓޯއަކުންވެސް ފާހަގައެއް ނުވެއެވެ. އެއީ ވަކިން ހާއްސަ އަނގޮޓިއަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ހަމަ އެ ދަތުރުގެ ރަސްމީ ބައެއް ފޮޓޯތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަންހުރި އިރު ބުރުގާ ނާޅާކަމަށް ބުނާ ފޮޓޯއާއި ރަސްމީ ފޮޓޯތަކުން ނަހުލާ ދެ ފޯނެއް ގެންގުޅޭކަން ފާހަގަކުރެވޭއިރު އޭގެން އެއް ފޯނަކީ، ބުރުގާ ނާޅާކަމަށް ބުނާ ފޮޓޯގައި ސެލްފީ ނަގަން ބޭނުންކުރާ ފޯނާ ތަފާތެއް ނެތް ފޯނެއްކަންވެސް ފާހަގަކުރެވެއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ބުރުގާ ނާޅާކަމަށް ބުނާ ފޮޓޯއަކީ އަސްލެއް ކަމަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެން ނަމަވެސް މިއީ އެޑިޓަކަށްވުމުގެ ހަނި ފުރުސަތެއް ނެތެކޭވެސް ބުނަން ދަތިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް